ސައުދީ އަރަބިއްޔާއާއި ސީރިޔާއާއި ދެމެދު ގުޅުންތައް އަލުން އިއާދަކުރުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރަން ފަށައިފިއެވެ.
މިގޮތުން ދެ ގައުމުގެ ދެމެދުގައި ކޮންސިއުލަރ ސާވިސްތައް ފެށުމުގެ މަޝްވަރާތައް މިހާރު ދަނީ ހިނގަމުންނެވެ. ސީރިޔާގައި 2011 ވަނަ އަހަރު ފެށުނު ދާހިލީ ހަނގުރާމާގައި ސައުދީ ސަރުކާރުން ތާއީދު ކުރީ ސީރިޔާގެ ސަރުކާރާއި ދެކޮޅު ފަރާތްތަކަށެވެ. އަދި ދިމިޝްގުގައި ހުރި ސައުދީ އެމްބަސީ ބަންދުކޮށް، ސީރިޔާއިން ސައުދީއަށް ކަނޑައަޅާފައި ހުރީ ސަފީރު 2012 ވަނަ އަހަރު ފޮނުވާލިއެވެ.
ސައުދީގެ ދައުލަތުގެ ޓީވީއިން ރިޕޯޓުކުރި ގޮތުގައި، ކޮންސިއުލަރ ސާވިސްތައް ފެށުމުގެ މަޝްވަރާ މިހާރު ދަނީ ކުރިއަށެވެ. މީގެ ކުރިން ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ގައުމުގައި ހުރި އެ ދެ ގައުމުގެ އެމްބަސީތައް ހުޅުވުމަށްވެސް ސައުދީ އަދި ސީރިޔާއިން ދަނީ މަޝްވަރާ ކުރަމުންނެވެ.
ސައުދީ އަރަބިއްޔާއާއި ސީރިޔާއާއި ދެމެދު ގުޅުންތައް ޤާއިމްކުރުމުގެ މަޝްވަރާތައް މި ފެށުނީ ޗައިނާ އިސްވެ އޮވެ ސައުދީ އަދި އިރާނާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. ސީރިޔާ ހަނގުރާމާގައި އީރާނުން ތާއީދުކޮށްފައިވަނީ ސީރިޔާގެ ސަރުކާރަށެވެ.
ބައެއް އަރަބި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ދެ ގައުމުގެ އެމްބަސީތައް ފިތުރު އީދަށްފަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ސީރިޔާއަކީ ސުންނީ މުސްލިމުންގެ އާބާދީ ގިނަ ޤައުމެކެވެ. އެހެން ނަމަވެސް އެ ޤައުމުގައި ވެރިކަން ކުރަނީ ޝީއާއިންނެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައާއި ގުޅިގެން ވަރަށް ގިނަ އަރަބި ޤައުމުތަކުން ސީރިޔާއާއި ގުޅުން ކަނޑާލިއެވެ. އަދި ޤަތަރާއި ސައުދީ ފަދަ ބައެއް ޤައުމުތަކުން ސީރިޔާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ޖަމާއަތްތަކަށް ވާގިވެރިވިއެވެ. އެހެން ނަމަވެސް ރަޝިޔާ އަދި އިރާނުގެ އެހީގައި ސީރިޔާގެ ސަރުކާރުން ވަނީ ވެރިކަން ދަމަހައްޓާފައެވެ.
ސައުދީ އަރަބިއްޔާއާއި ސީރިޔާ އަލުން ގުޅުން ގާއިމްކުރަން އުޅޭއިރު، ދާދިފަހުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވަނީ ޔޫއޭއީއަށް ޒިޔާރަތްކޮށްފައެވެ. އަރަބި ޤައުމުތަކާއި ސީރިޔާއާއި އޮތް ގުޅުން އާންމު ހާލަތަކަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ޤައުމަކީ ޔޫއޭއީއެވެ.