ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރަން ބޭނުންވާ ފީޗަރ ފިލްމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާޒީ ހިސާބު ހުށަހެޅުމަށް ދައުވަތުދީފަ އެވެ. އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހު 4 ގެ 10:00 ގައި ޖެންޑާ މިނިސްޓްރީގަ އެވެ.
އެ ބިޑަށް ކުރިމަތިލެވޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް، އުފައްދާ އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި، އުފާވެރިކަމާއި، ކުރިއެރުން ދައްކުވައިދޭ ފިލްމެކެވެ.
އެ ފިލްމުގެ ދިގުމިނަކަށް ވާންވާނީ އިއުލާނުގައި ވާގޮތުން ގާތްގަނޑަކަށް 90 މިނެޓެވެ.
ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައުއަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށާއި ފިލްމު އުފެއްދުމުގެ މަސައްކަތްކުރާނީ މަސައްކަތާ ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ފިލްމުގައި ހިމެނޭ ލަވައާއި، ޑައިލޮގްތަކުގެ ސަބްޓައިޓްލްސް ހިމަނަންވާނެ ކަމަށާއި، ފިލްމު އުފެއްދުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ފިލްމު ޕްރޮމޯޓްކުރުމަށް ބޭނުންކުރެވޭނެ 30 ސިކުންތަށްވުރެ ކުރު ނޫން
ޓްރެއިލާއެއް ހަދަންވާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ފިލްމުގައި ތީމްލަވައެއް ހިމެނުންވެސް ޝަރުތުކޮށްފައިވެ އެވެ.