ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރައްވާ ބޭފުޅުން އެ މަޤާމުތަކުން ވަކިނުކުރެވޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ޓުވިޓާގައި ގެންގުޅުއްވާ ނުރަސްމީ އެކައުންޓު "އަނެއް ދިވެހިރާއްޖެ" އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަޤާމުތަކެއް ނޫން ކަމަށެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ރައީސް އިބްރާހީމަށް ތާއީދުނުކުރައްވާ އެމްޑީޕީގެ މެންބަރުންނާމެދު ރައީސް ވަރަށް އަވަހަށް ފިޔަވަޅުއަޅުއްވާނެކަމަށް ރައީސް އިބްރާހީމާ ގާތް ގުޅުމެއް އޮންނަ އެމަނިކުފާނުގެ ފެކްޝަނުގެ އިސްމެންބަރެއްކަމަށްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެފައިވަނިކޮށެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމުގެ ސިޔާސަތަށް ތާއީދުނުކުރައްވާ މެންބަރުން މަޤާމުތަކުން ވަކިކުރުމުގެ ބަހުސް ހޫނުވެފައިވަނީ، ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީއާ މަޝްވަރާކުރެއްވުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވަޑައިގަތުމުންނެވެ.
އަމްރުގެ އިތުރަށްވެސް ނަޝީދަށް ތާއީދުކުރައްވާ އެމަނިކުފާނަށް ވަފާދާރު ސިޔާސީ ބޭފުޅުން މަޤާމުތަކުން ވަކިކުރުމަށް ރައީސް އިބްރާހީމަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ގޮވައިލައްވަމުންދަނިކޮށް ނަޝީދު ވިދާޅުވީ އެ ބޭފުޅުން ތިއްބެވި މަޤާމުތަކަށް އެ ބޭފުޅުން އައްޔަންކުރީ އެމްޑީޕީން ހުށަހަޅައިގެން ކަމަށެވެ.
އެހެންކަމުން އެ ބޭފުޅުން އިސްތިއުފާދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް އެ ބޭފުޅުން މަޤާމުތަކުން ވަކިނުކުރެއްވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 15 ވަނަ މާއްދާއިން ލިބިދޭ ބާރުންކަމަށްވުމުން އެ ބޭފުޅުން މަޤާމުތަކުން ވަކިކުރެއްވުމުގެ އިޚުތިޔާރު އެމަނިކުފާނަށް އޮވެއެވެ.
އިތުރަށް ރައީސް ނަޝީދު މިކަމުގައި ވިދާޅުވެފައިވަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް ޟަމީރު ޤުރުބާންކުރައްވާނެ ބޭފުޅުންތަކެއް ނޫންކަމަށެވެ.