2019 ވަނައަހަރުގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދެއްކި ވާހަކަފުޅެއްގައި އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީގެ އަބުރަށް އަރައިގަތުމުގެ ދައުވާގައި، 2 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އެ ވާހަކަފުޅުގައި، ގާންދީވަނީ، ވަގުންގެ ނަން ފަހަތުގައި މޯދީ އިންނާނެކަމަށް ބުނެފައެވެ. މިހެން ބުނުމުން ގާންދީގެ މައްޗަށް ދައުވާ، 2019 ގައި އުފުލީ، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް މީހެކެވެ.
އިންޑިއާގެ ގުޖުރާތުގެ ސޫރަތު ސިޓީގެ ކޯޓަކުން މި ހުކުމް އިއްވި ނަމަވެސް ގާންދީއަށް ކަފާލާތުދީ، ހުކުމް 30 ދުވަހަށް ވަނީ ސަސްޕެންޑުކޮށްފައެވެ.
ގާންދީގެ ހުކުމުގެ މައްސަލައިގާ ހައި ކޯޓަކަށް އިސްތިއުނާފު ކުރާނެކަމުގެ ޔަގީންކަން، އޭނާގެ ކޮންގްރެސް ޕާޓީން ވަނީ ހާމަކޮށްފައެވެ.
ޝަރީއަތުގައި ގާންދީގެ ދިފާއުގައި، އޭނާ އެފަދައިން މޯދީ ސިފަކުރީ މުޖުތަމައުގެ ވާހަކައަކަށް ރިއާޔަތްކޮށްނޫންކަމަށް، ނަމަވެސް ގައުމުގެ ވެރިކަން ކުރާ ޕާޓީގެ ކޮރަޕްޝަން ފާހަގަކުރުމަށްކަމަށް ބުންޏެވެ.
ގާންދީއަކީ މިއަންނަ 2024 ވަނަ އިންތިހާބުގައި، އިންޑިއާގެ ބޮޑު ވަޒީރުކަމަށް ނަރެންދުރާ މޯދީއާއި ދެކޮޅަށް ކުރިމަތިލާން ހުރި މައި އެއް އިދިކޮޅު ލީޑަރެވެ. ކުރިން ގާންދީގެ ޕާޓީގެ ނުފޫޒް ގަދަވިޔަސް، މިހާރު ޕާލިމަންޓުގައި އޮންނަނީ ކޮންގްރެސް ޕާޓީގެ އެންމެ 10 އިންސައްތައަށް ވުރެން މަދު ހިއްސާއެކެވެ. އަދި މިދިޔަ 2 އިންތިހާބުގައިވެސް ގާންދީގެ ޕާޓީ ނާކާމިޔާބުވީ ބީޖޭޕީއާއި އަޅާކިޔާއިރު ބޮޑުތަނުންނެވެ.