ރަމަޟާން މަހުގައި އަމިއްލަ މުދާ ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމާއި ރަށުތެރެ ބެލެހެއްޓުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުންކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މިއަހަރުވެސް ބޭނުންވާ ކަމަށެވެ.
އެގޮތުން ފުލުހުން އެދުނީ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ގެ ހުސްކޮށްފައި، ގެއިން ބޭރަށް ދާނަމަ، ކުޑަދޮރުތަކާއި ބެލްކަނީ ދޮރުތަކާއި، ފެންލައިޓާއި ވައިގޮޅި ފަދަ ހުރިހާ ތަނެއްވެސް ވަގުންނަށް ވައްކަންކުރަން ނުވަދެވޭނެހެން ބަންދުކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
އަދި ފޯނާއި ލެޕްޓޮޕާއި، ޓެބްލެޓާއި އައިޕެޑާއި ވޮލެޓާއި އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތި ވަގަށް ފައިސޭހައިން ނުނެގޭނެ ގޮތަށް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
ހަމައެހެންމެ ދުވާލާއި ރޭގަނޑުވެސް މަގުމަތީގައި ހިނގައިބިނގައިވެ އުޅުމުގައި ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނެހެން އެމީހަކު ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި، އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗާ ސަމާލުވެ ރައްކާތެރިކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
ރަމަޟާން މަހުގައި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން އާންމުންގެ ކިބައިން އެދެނީ ކޮންމެ މީހަކުވެސް އެމީހެއްގެ މުދަލަށް ރައްކާތެރިވުމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ.