މިދިޔަ އަހަރުގައި ރަޝިޔާއިން ޔުކްރެއިނަށް އަރައި ފެށި ހަނގުރާމައިގެ ތެރެއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ކުރިއަށް އޮތް 10 އަހަރުތެރޭގައި 411 ބިލިއަން ޑޮލަރު ހޭދަވާނެކަމަށް ވޯލްޑް ބޭންކްއިން ބުނެފިއެވެ. ހަނގުރާމަ ކުރިއަށް ދާތީވެ މި އަދަދު އިތުރުވާނެކަމަށް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުކްރެއިންގައި މިހާތަނަށް 2 މިލިއަން ގެ ހަލާކުވެ، ސިއްހީ މަރުކަޒުތަކުގެ ތެރެއިން ކޮންމެ 5 މަރުކަޒަކުން 1 އިދާރާއަށް ގެއްލުންވެ، 650 އެމްބިއުލޭންސް ހަލާކުވެ އަދި ބައެއް އުޅަނދުތަށް ވަގަށް ނަގާ، އަދި 461 ކުޑަކުދިން ހިމެނޭގޮތަށް 9655 ރައްޔިތުން މަރުވެއްޖެއެވެ. މި އަދަދުތަކާއި ހެދި ޔުކްރެއިންގެ އަލުން ބިނާކުރުމަށް ގިނަ އަހަރުތަކެއް ނަގާނެކަމަށް، ވޯލްޑް ބޭންކްގެ ފަރާތުން ޔޫރަޕު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅާފައިވާ ނައިބު ރައީސް އާނާ ޖާޑީ ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގައި ވޯލްޑް ބޭންކާއި، ޔުކްރެއިންގެ ސަރުކާރާއި، ޔޫރަޕިއަން ކޮމިޝަނާއި އަދި އދއިން ގުޅިގެން އެކުލަވާލި އެސެސްމެންޓްގައި އަންދާޒާކުރި އަދަދަކީ، މި ފަހުން އެކުލަވާލި ރިޕޯޓްގައި އަންދާޒާކުރި އަދަދަށްވުރެން މަދު މިންވަރެއްކަމަށްވާ 349 ބިލިއަން ޑޮލަރެވެ. މިފަހުން ލަފާކުރި 411 ބިލިއަނަކީ އެ އަދަދަށްވުރެން 62 ބިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ.
ވޮލްޑް ބޭންކްގެ ރިޕޯޓުގައި ހިމަނާފައިވާ ހަރަދުތަކުގެ ތެރެއިން، 135 ބިލިއަން ޑޮލަރު ޔުކްރެއިންގެ ސުންނާފަތިވެފައިވާ ގެތަކާއި އުމްރާނީ ވަސީލަތްތައް ރަނގަޅުކުރުމަށް ހޭދަވާއިރު، އެ އަދަދަކީ ފުޅާ ދާއިރާއެއްގައި އިގްތިސާދީގޮތުން އެގައުމަށް ކޮށްފައިވާ އަދި ކުރަމުން އަންނަ ގެއްލުންތައް ނުހިމަނައި އަންދާޒާކުރާ އަދަދެކެވެ.
އިގްތިސާދީގޮތުން ކޮށްފައިވާ އަދި ކުރަމުން އަންނަ ގެއްލުންތަކަށް ބަލާއިރު، ހަނގުރާމަ ފެށުނު ފަހުން ޔުކްރެއިންގެ އާބާދިގެ މިލިއަނުން މީހުން ބޯހިޔާވަހިކަމުން މަހުރޫމްވެފައިވެއެވެ. ހަމައެއާއިއެކު، ޔުކްރެއިންގެ އިތުރުން، ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ހަކަތައިގެ އަދި ކާބޯތަކެތީގެ އަގުވެސް އިންތިހާއަށް އުފުލުނެވެ.
ޔުކްރެއިންއަށް ލިބިފައިވާ ގެއްލުމަކީ މިހާތަނަށް، 15 އަހަރުގެ އިގްތިސާދީ ތަރައްގީ އެއް އަހަރުގެ ތެރޭގައި ފޮހެލި ގެއްލުންތަކެކެވެ. އެ ގައުމުގެ ޖީޑީޕީ 29 އިންސައްތަ ދަށްވެފައި، އަދި 1.7 މިލިއަން ޔުކްރެއިން ރައްޔިތުން ފަގީރުކަމުގެ ހާލަތަށް ހަނގުރާމައިގެ ސަބަބުން ވެއްޓުނެވެ.
މީގެ އިތުރުން، ރަޝިޔާގެ ގިނަ ހަމަލާތަކެއް ޔުކްރެއިންގެ ކަރަންޓަ ގްރިޑްތަކަށް މިދިޔަ ފިނު މޫސުމުގައި އަމާޒުކުރިއެވެ. އެއީ ޔުކްރެއިންގެ އާބާދީއާއި ސަރުކާރު، ފިނި މޫސުމުގައި ކެތްތެރިކަން ކޮޅުންލައި ރަޝިޔާގެ ބާރުގެ ދަށަށް އަންނަން މަޖުބޫރުކުރުމުގެ އުކުޅެއްގެ ގޮތުގައެވެ.
އިގްތިސާދާއި، އަދި އިންފްރާސްޓްރަކްޗާ އަނބުރާ ރަނގަޅުކުރުމަށް ބޭނުންވާކަމަށް ލަފާކޮށްފައިވާ 411 ބިލިއަން ޑޮލަރުގެ އަދަދު ދުވަހުންދުވަހަށް އިތުރުވަމުން ދާއިރު، އެ ފައިސާ ހޯދުމުގައި ޔުކްރެއިން ގިނަ މަސައްކަތެއް ކުރަން ޖެހޭނެކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓުގައި އެބައޮތެވެ. ނަމަވެސް، އެކި ގައުމުތަކާއި، މާލީ އެހީ ފޯރުކޮށްދޭ އެކިއެކި މުއައްސަސާތަކުން، ޔުކްރެއިންއަށް އެހީ ފޮރުކޮށްދޭނެކަމަށް ބުނެފައިވެއެވެ. މިސާލަކަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑްއިން (އައިއެމްއެފް) ހަތަރު އަހަރުގެ ފައިނޭންސް ޕެކޭޖްއެއް ފޯރުކޮށްދޭން ސްޓާފް-ލެވެލްގައި ޔުކްރެއިންގެ ދައުލަތާއިއެކީގައި އެއްބަސްވެފައިވާކަމަށް، އެ މުއައްސަސާއިން ބުނެއެވެ. އެ ޕެކޭޖުގައި ހިމެނެނީ 15.6 ބިލިއަން ޑޮލަރެވެ.