Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

މި ރަމަޟާން މަހަކީ ގިނަ މުސްލިމުންނަށް ކާބޯތަކެތީގެ ކާރިސާއެއް ތަޖުރިބާކުރަންޖެހޭނެ މަހެއް

ފާއިތުވި އެއްވެސް ރަމަޟާނެއްގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މުސްލިމުންނަށް ތަހައްމަލުކުރަންނުޖެހޭ މިންވަރުގެ ބޮޑެތި ތަކުލީފުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް މިފެށުނު ރަމަޟާން މަހުގައި ތަހައްމަލުކުރަންޖެހިދާނެކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

މި ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް، ޔޫކުރެއިން-ރަޝިޔާ ހަނގުރާމައާއި ކޮވިޑް-19 ބަލިމަޑުކަމުގެ ދެމިގެންދަނެވި އަސަރުތަކުގެ ސަބަބުން މަތިވެފައިވެއެވެ.

އެހެންނަމަވެސް ތަކެތި އަގުބޮޑުވުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑުކޮށްކުރާނީ މުސްލިމުންގެ އަޣުލަބިއްޔަތު ދިރިއުޅޭ، މެދުއިރުމައްޗާއި އޭޝިޔާއާއި އެފުރިކާގެ ޤައުމުތަކަށް ކަމުގައި އެ ރިޕޯޓުގައި ފާހަގަކުރިއެވެ. އެގޮތުން 79 ޤައުމެއްގައި 349 މިލިއަން މީހުން ފާއިތުވި އަހަރު ނިމުނުއިރު ކާބޯތަކެތީގެ ރައްކައުތެރިކަން ގެއްލުމުގެ ހިރާހަށް ހުށަހެޅިފައި ތިބިކަމަށާއި، އެ އަދަދު 2023 ގައި މަދުވާނެކަމަށް ނުބެލެވޭކަން ބަޔާންކުރިއެވެ.

ފަޤީރުންގެ ހޭދައިގެ ބޮޑު ބައެއް ކެއުންބުއިމަށް

ދުނިޔޭގެ ކާނާއާ ބެހޭ ޕްރޮގުރާމުން ބުނެފައިވާ ގޮތުގައި ކާނާގެ އަގު މަތިވި މިންވަރަކަށް ފަޤީރު އާއިލާތަކުން އެހެން ކަންކަމަށް ކުރާ ޚަރަދު ކުޑަކުރަން މަޖުބޫރުވެއެވެ. މިހާރުވެސް ހިސާބުތައް ދައްކާ ގޮތުން ފަޤީރު ގޭބީސީތަކުގެ ޚަރަދުގެ 50 އިންސައްތައަކީ ކާބޯތަކެއްޗަށް ކުރާ ހޭދައެވެ.

ހަނގުރާމައާއި ތަބީއީ ކާރިސާތަކާއި، ހަނަފަސްކަމުގެ އަސަރުކުރުމުގެ ސަބަބުން މެދުއިރުމަތި އޮތީ ވަރަށް ތަފާތު ނާޒުކު ފައްތަރެއްގައެވެ. ސޫރިޔާގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ ފަޤީރުކަމުގެ ރޮނގަށްވުރެ ދަށް ހާލަތެއްގައެވެ.

އަދި ފާއިތުވި ފެބްރުއަރީ މަހު ތުރުކީއާއި ސޫރިޔާއަށް އައި ބިނެހެލުމަށްފަހު އެ ޤައުމުގައި އިތުރަށް ތަކެތީގެ އަގު އުފުލޭނެކަމަށް ބެލެވެއެވެ. މިހާރުވެސް އެ ޤައުމުގެ އިންފުލޭޝަން ހުރީ 55 އިންސައްތައަށްވުރެ މަތީގައެވެ.

މިޞްރަށް ބަލާއިރު އިންފުލޭޝަން ވަރަށް ހަލުއިކޮށް މަތިވަމުން ގޮސް، ފާއިތުވި މަހުގެ ނިޔަލަށް މެދުއިރުމަތީގެ އެންމެ އާބާދީ ބޮޑު ޤައުމުގައި ކާބޯތަކެތީގެ އިންފުލޭޝަންވަނީ 61.8 އިންސައްތައަށް މަތިވެފައެވެ. ކާބޯތަކެތީގެ އިންފުލޭޝަން 15 އިންސަައްތައަށްވުރެ މަތިވުމަކީ އާއިލާތަކުން އެހެންކަންކަމަށް ކުރާ ޚަރަދު ކުޑަކުރަން މަޖުބޫރުކުރުވާނެ ސަބަބެއްކަމަށް ދުނިޔެގެ ކާނާއާބެހޭ ޖަމްއިއްޔާއިން ބުނެއެވެ.

އެންމެ ހާލުގައި އޮތީ ލުބުނާން

ދިރިއުޅުމުގެ އަގުތައް އުފުލުމުގެ ކާރިސާ ލުބުނާނު މީހުން ތަހައްމަލުކުރާ ގޮތަށް ތަހައްމަލުކުރަންޖެހޭ އެއްވެސް ބަޔަކު މެދުއިރުމަތީގައި ނެތެވެ. އިޤުތިޞާދީ ސިޔާސީ އިޖުތިމާއީ ފުން ކާރިސާއެއްގެ ތެރޭގައި ލުބުނާނު ހަފުސްވަމުންދާތާ މިއީ ހަތަރުވަނަ އަހަރެވެ.

އާބާދީގެ ނިސްބަތުން އެންމެ ގިނަ ރެފިއުޖީންނަށް މަރުހަބާ ކިޔާފައިވާ ލުބުނާނުގައި އިންފުލޭޝަންވަނީ 100 އިންސައްތަ ފަހަނައަޅައި، ފާއިތުވި ޖަނަވަރީ މަހު 123 އިންސައްތައަށް އަރާފައެވެ. ލުބުނާނުގައި މަސައްކަތްކުރާ އެމެރިކާގެ ޗެރިޓީއަކުން ބުނި ގޮތުގައި ލުބުނާނުގެ ގިނަ ބަޔަކަށް މިހާރު ހެނދުނާއި ރޭގަނޑުގެ ކޮއްތު ކެއުމަކީ ކުރެވޭ ވަރަށްވުރެ ބޮޑު ތަކުލީފެކެވެ.

ލުބުނާނުގެ ޖަމްއިއްޔާއެއްކަމަށްވާ "ކައިރު"ގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ލުބުނާނު މީހުން ކާތަކެތި ހޯދާ މަސްދަރު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ކާބޯތަކެތީގެ އަގު އުފުލުނު ބޮޑުކަމުން ކާބޯތަކެތި ވިއްކާ ތަންތަނުން ބާކީވާ އެތިކޮޅު ހޯދައިގެން ކެއުމަކީ މިހާރު އެ ޤައުމުގައި އާންމު ކަމެއްކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާން، އިންޑޮނޭޝިއާ، ބަންގުލަދޭޝް

ޕާކިސްތާނުގައިވެސް އޮތީ އިސްވެ ބަޔާންކުރެވުނު ހާލަތާ ދާދި އެއްގޮތް ހާލަތެކެވެ. 200 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމުގެ ބައި ޤަރުނުވީ ތާރީޚުގައި ދުވަހަަކުވެސް ތަކެތީގެ އަގު މައްޗަށް ނުއުފުލޭ މިންވަރަށް، ބައިނަލްއަޤުވާމީ ގޮތުން މެދުވެރިވި ތަފާތު ސަބަބުތަކާއި، ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުންތަކާއެކު، ތަކެތީގެ އަގުވަނީ އުފުލިފައެވެ.

އިސްލާމްއާބާދުގައި ހުންނަވައިގެން ވާހަކަދެއްކެވި އިޤުތިޞާދީ މާހިރު ސާކިބް ޝީރާނީ ވިދާޅުވީ ސަރުކާރުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު ޕާކިސްތާނުގެ އާދައިގެ ރައްޔިތެއްގެ ކިނބައިން ތަކެތި ގަތުމުގެ ބާރުގެ 40 އިންސައްތަ ފާއިތުވި އަހަރު ތެރޭ ނެތިގެން ގޮސްފައިވާކަމަށެވެ.

މުސްލިމުންގެ އެންމެ ބޮޑު އެއް އާބާދީ އޮންނަ އިންޑޮނޭޝިޔާގައިވެސް ތަކެތީގެ އަގު ބޮޑުވުމާއެކު، އުމުރުން 18 އަހަރާއި 23 އަހަރާ ދެމެދުގެ މީހުންގެ 70 އިންސައްތަ މީހުން މި ރަމަޟާން މަހު ޚަރަދުކުރަން ވިސްނަނީ މަދުންކަން ސާވޭތަކުން ފެނެއެވެ.

ބަންގުލަދޭޝަށް ބަލާއިރު އެ ޤައުމުގެ އިންފުލޭޝަން ރޭޓުހުރީ %9އާ ކައިރިކުރާ މިންވަރެއްގައެވެ. މިއީ ފާއިތުވި ދަހަރެއްހައި ދުވަހު އެ ޤައުމުގެ އިންފުލޭޝަން އުފުލުނު އެންމެ މައްޗެވެ. އެ ޤައުމުގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންނަށް ބަލާއިރު އެމީހުންނަށް ކާނާ ފޯރުކޮށްދިނުމަށް ކުރާ ޚަރަދު ދެގުނަ މަދުކުރަންޖެހުނުކަން ވޯލްޑް ފުޑް ޕްރޮގުރާމުން އޮތީ އިއުލާނުކޮށްފައެވެ. ނަތީޖާއަކަށްވާނީ ދިރިތިބުމަށް އެމީހުން ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ތަކުލީފު އިތުރުވުމެވެ.

ހުޅަނގުގެ ހާލަތުވެސް ދާދި އެއްގޮތް

ތަކެތީގެ އަގުބޮޑުވުމާއި ކާބޯތަކެތި ލިބުމުގެ ދަތިކަން ތަހައްމަލުކުރަނީ ހަމައެކަނި އިރުމަތީގައި ދިރިއުޅޭ މުސްލިމުންނެއް ނޫނެވެ. ހުޅަނގުގެ ޤައުމުތަކުގައިވެސް މުސްލިމުންދަނީ މިކަންކަން ތަހައްމަލުކުރަމުންނެވެ.

ތަކެތީގެ އަގު އުފުލުމާ ގުޅިގެން އުފުލަންޖެހިފައިވާ ތަކުލީފުތައް ކުޑަކުރުމުގެ ގޮތުން އެމެރިކާގެ ނިއުޔޯކު ސިޓީގެ ސަރުކާރުންވަނީ ދަރުމައަށް މަސައްކަތްކުރާ ދެ ޖަމްއިއްޔާއަކާއެކު، ރޯދަވީއްލުމާއި ދަމުކެއުމަށް ކާބޯތަކެތި ހޯދުމަށް ދަތިވާ އާއިލާތަކަށް އެހީވާން 7500 ކެއުން ފޯރުކޮށްދޭން އެއްބަސްވެފައެވެ.

އިނގިރޭސިވިލާތުގެ ދަރުމަވެރި ޖަމްއިއްޔާއެއްގެ ވެރިއެއްކަމަށްވާ ސުހައިލް ޙަނީފު ވިދާޅުވެފައިވަނީ އިނގިރޭސި މުސްލިމުން މި ރަމަޟާންހައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑު ރަމަޟާނެއް ތަޖުރިބާކޮށްފައި ނެތް ކަމަށެވެ. ނަތީޖާއެއްގެ 2021އާ އަޅާބަލާއިރު ޒަކާތުގެ ހައްގުވެރިން ދެގުނައަށް އިތުރުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގައި ކާބޯތަކެތީގެ އަގު 40 އަހަރު ތެރޭގައި އުފުލުނު އެންމެ މަތީ މިންވަރަށް އުފުލި، ޖަނަވަރީ މަހު ކާބޯތަކެއްޗާއި ރާ ނުހިމެނޭ ބުއިންތަކުގެ އަގުވަނީ 16.8 އިންސައްތައަށް އުފުލިފައެވެ. ކަރަންޓުގެ އަގުތައްވަނީ 66.7 އިންސައްތައަށް މަތިވެފައެވެ. އަދި ގޭހުގެ އަގުވަނީ 129.4 އިންސައްތަ މަތިވެފައެވެ.

މި ލިއުމާއި ގުޅޭ