ކުރިއަށް އޮތް ބައި އިލެކްޝަންގައި ވޯޓުދޭން ވާނީ "އިރުއިރުކޮޅާ ފިކުރު ބަދަލުނުވާ" ބޭފުޅަކަށް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު، "ފިކުރެއްގެ ދިރުން" ފެކްޝަނަށް ބަހުގެ ހަމަލާތަށް އަމާޒުކޮށްފި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓު، އިބްރާހީމް ޝާޒުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ރަސްމީކޮށް ފެށުމަށް ރޭ ކ.ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި ސަމީރު ވިދާޅުވީ، މިހާރު ސަރުކާރު ހިންގަން ޖެހެނީ އެމްޑީޕީގައި ފިކުރު ބަދަލުވެފައި ތިބި ފަރާތްތަކާ ދެކޮޅަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށްވުރެ ބޮޑަށް އެފަރާތްތަކުގެ ސަބަބުން ސަރުކާރު ހިންގަން އުނދަގޫވާ ކަމަށް ވިދާޅުވެ ސަމީރު އިޝާރާތް ކުރެއްވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.
"އަޅުގަނޑުމެންނަށް ސަރުކާރު ހިންގަން ޖެހިފައި މިއޮތީ އިދިކޮޅު ފަރާތްތަކަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ތެރޭގައި ތިބޭ ބޭފުޅުންގެ އުނދަގޫތަކާ، އެބޭފުޅުންގެ ކެށްނުކުރެވޭ އުދާސްތަކާ އެބޭފުޅުން ބޭނުންވާ ވަކި މަގްސަދުތަކެއް ހާސިލްކުރުމަށް ކަންތައްތައް ކުރުމާއި، އެބޭފުޅުން ބޭނުންވާ ވަކި ފިކުރެއް ގެނައުމަށް،" ސަމީރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަން ލިބޭ ތަން ނުފެންނަ ކަމަށް ވިދާޅުވެ، އެ ޕާޓީން އިސްތިއުފާ ދިނުމަށްފަހު ސަމީރު ރޭ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދެއްކެވި ނަމަވެސް އަދި އެމްޑީޕީއާ ނުގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
ރޭ ކ.ގުޅީގައި ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ
ސަމީރު ވަނީ "އަޖުމަ ބަލައިލުމަށް" ނަމަވެސް އެމްޑީޕީގެ މެންބަރަށް ވޯޓު ދިނުމަށް ގުރައިދޫ ދާއިރާގެ ރައްޔިތުން ކިބައިން ރޭ އެދިފަ އެވެ.
"[މަޖިލީހުގައި އެމްޑީޕީގެ] 65 މެންބަރުން ތިއްބެވިއެއް ކަމަކު އައިގޮތެއްވެސް ނޭނގޭ ގޮތަކަށް ތަފާތު ހިޔާލުތަކެއްގައި ތިއްބަވާފަ، ބައެއް ފަހަރު އެކޮޅަށް ބައެއް ފަހަރު މިކޮޅަށް، އެހާލަތުގައި 65 މެންބަރުންގެ ތެރޭގައި ކުޑަކޮށް ނުރުހިގެން އެމްޑީޕީއާ ދޭތެރޭގަ ނުވަތަ ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި އުޅުއްވާ ބައެއް ބޭފުޅުން މަޖިލީހުގައި އެބަ އުޅުއްވާ،" ސަމީރު ވިދާޅުވި އެވެ.
"އެބޭފުޅުންނާވެސް ދެކޮޅަށް އަޅުގަނޑުމެން މި ސަރުކާރު ހިންގަން މި ޖެހެނީ، ވަރަށް ދުށްތުރާއާ ތަކުލީފުތަކާ އެކުގަ."
ސަމީރު ވިދާޅުވީ ޝާޒަކީ ފިކުރު ބަދަލުނުވެ އެމްޑީޕީއާ ސަރުކާރާއެކު މަސައްކަތް ކުރާނެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އޭނާ ގުރައިދޫ ދާއިރާއަށް ބޮޑެތި ބަދަލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
".. ސަރުކާރާ އެކުގައި މަސައްކަތްކުރާ މެންބަރަކު، އިރުއިރުކޮޅާ ބޮޑާ ނުހާކާ، އިރުއިރުކޮޅުން ފިކުރު ބަދަލުވެ، އިރުއިރުކޮޅުން އެހެން ތާކަށް ޖެހިފަ ހުންނާނެ މީހެއްގެ ބަދަލުގައި ޝާޒް ކަހަލަ އެއްގޮތެއްގައި ހުންނާނެ ބޭފުޅަކު ނެގުމަކީ ސަރުކާރަށްވެސް، އެމްޑީޕީއަށްވެސް ވަރަށް މުހިންމު ކަމެއް،" ސަމީރު ވިދާޅުވި އެވެ.