މިދިޔަ ތިން އަހަރުގައިވެސް ވިއްސާރަ ނުވެހި ގިނަ ދުވަސްތަކެއް ފާއިތުވެ، ހޫނު މޫސުމުގައި އިންތިހާއަށް ހޫނުމިން ގަދަވުމުގެ ސަބަބުން އާޖެންޓީނާގެ ގިނަ ސަރަހައްދެއްގައި ހައްދާ ގޮވާންތައް ހަލާކުވެއްޖެއެވެ.
1961 ވަނަ އަހަރުން ފެށިގެން އާޖެންޓީނާއަށް ދިމާވި އެންމެ ހޫނު ގަދަ މޫސުމަކީ މިއަހަރުގެ މޫސުންކަމަށް އެގައުމުގެ ގައުމީ މޫސުމީ އިދާރާއިން ބުނެފައިވާއިރު، މިއަހަރުގައި އެކްސްޕޯޓް ގެއްލުން 20 ބިލިއަން ޑޮލަރަށް މަތިވާނެކަން ލަފާކުރެވޭކަމަށް، ދަ ރީޖަނަލް ކޮންސޯޓިއަމް އޮފް އެގްރިކަލްޗަރަލް އެކްސްޕެރިމެންޓޭޝަންއިން ނެރުނު ރިޕޯޓެއްގައި ބުންޏެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް އައި މަޑުޖެހުމުގެ ސަބަބުން ސޯއިބީން، ވީޓް، އަދި ކޯން އުފެއްދުން މަދުވުމުން 14.14 ބިލިއަން ޑޮލަރުގެ ގެއްލުމެއް ގައުމުގެ ދަނޑުވެރިންނަށް ކުރާނެކަމަަށް، ރޮސާރިއޯ ބޯޑް އޮފް ޓްރޭޑްއިން ބުންޏެވެ.
ސޯއިބީން، ވީޓް، އަދި ކޯން ދަނޑުވެރިކަމަކީ ގައުމުގެ ޖުމްލަ ހައްދާ ގޮވާމުގެ ތެރެއިން 87 އިންސައްތަކަމަށް ވާއިރު، މި އަހަރުގެ ސޯއިބީން އުފެއްދޭނެ މިންވަރުކަމަށް ހަފާކުރެވެނީ 25 މިލިއަން ޓަނު، އެއީ މިދިޔަ 5 އަހަރާއި ބަލާފަ 44 އިންސައްތަގެ ދަށްވުމެއްކަމަށް، ބުުއެނޯސް އެއިރެސް ގްރައިން އެކްސްޗޭންޖްއިން ރިޕޯޓްކުރިއެވެ. އެ އިދާރާއިން އިތުރަށް ބުނާގޮތުގައި ގައުމުގެ ޖުމްލަ ވީޓް އުފެއްދޭނެ އަދަދުކަމަށް ލަފާކުރެވެނީ މިދިޔަ އަހަރާއި އަޅާކިޔާއިރު 31 އިންސައްތަ ދަށްކޮށް، 36 މިލިއަން ޓަނުކަމަށެވެ.
އާޖެންޓީނާ ކުރިމަތިލަމުން އަންނަ ހޫނު މޫސުމާއި ހަނަފަސްކަން ގެނައުމުގެ ބޮޑު ރޯލެއް ކުޅުނީ، ގިނަ ބަޔެއްގެ ގަބޫލްކުރުމާއި ހިލާފަށް ހަމައެކަނި މޫސުމީ ބަދަލުތަކެއް ނޫންކަމަށް، ކޮނިސެޓް ރީސާޗް އިންސްޓިޓިއުޓްގެ ކްލައިމެޓް ޗޭންޖް ރީސާޗް ސައިންޓިސްޓްއެއް ކަމަށްވާ އޭނާ ސޮރެންސަން ބުންޏެވެ. ނަމަވެސް މި ހަނަފަސްކަން އުފެދުމުގެ ފަހަތުގައި އިސް ރޯލެއް ކުޅެނީ، ސިލްސިލާކޮށް ދިމާވާ އެލް ނީނާ ނަމަކަށް ކިޔާ، ސެންޓްރަލް ޕެސިފިކް ކަނޑު ފިނިކުރާ މޫސުމީ މަރުހަލާއެކެވެ. މިކަން ހިނގުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ މޫސުމަށް އަސަރު ކުރުއެވެ. އާންމުކޮށް މިި ހާލަތުގެ މުއްދަތަށް ވުރެން މިބުރު މާބޮޑަށް ދިގުދެމިގެން ދިއައެވެ.