ޖުމްހޫރީ ޕާޓީއާއި، ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މެނިފެސްޓޯއެއް ތައްޔާރުކުރަން އެއްބަސްވެއްޖެއެވެ.
މިފަދައިން އެއްބަސްވެފައިވަނީ ނަޝީދުގެ ފަރާތްޕުޅުން "ފިކުރެއްގެ ދިރުން" ހަރަކާތުގެ އިސް ދެ މެންބަރުންކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރު އަދި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.
ޙަސަނާއި އަމްރު "ފިކުރެއްގެ ދިރުން"ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީން ކޯލިޝަން އެކުލަވައިލުމާމެދު މަޝްވަރާކުރަން އެކުލަވައިލި ކޮމިޓީގެ މެންބަރުންކަމަށްވާ ޕާޓީގެ ނައިބުލީޑަރު އަމީން އިބްރާހީމާއި ޕާޓީގެ ލީޑަރުގެ މުސްތަޝާރު ރިޔާޒު ރަޝީދާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޙަސަން ލަތީފު ވިދާޅުވީ ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މެނިފެސްޓޯއެއް އެކުލަވައިލަން އެއްބަސްވެވުނު ނަމަވެސް އެކަމުގައި ފަހުގެ ބަސްވިދާޅުވާނީ ދެ ފަރާތުގައި އިސްކޮށް ތިއްބެވި ލީޑަރުން ކަމަށެވެ.
"މިރޭ ކުރެވުނު މަޝްވަރާގައި އަޅުގަނޑުމެންނަށް ނިންމުނު ކަމަކީ އެކުގައި މަސައްކަތްކުރާއިރު މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަން ފެށުން. އަޅުގަނޑުމެންނެއް ނޫން ޕާޓީގެ ފަރާތުން ކަންކަން ނިންމައި، ހުރިހާ ކަމެއް ކުރާނީ. ޖުމްހޫރީ ޕާޓީން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރާ ވެސް މަޝްވަރާކުރައްވައި އެއަށް އިތުރަށް ގެންނާނެ އެއްޗެހި ހޯއްދަވާނެ. އަދި އަޅުގަނޑުމެން ވެސް ރައީސް ނަޝީދުގެ އަރިހުން މަޝްވަރާކުރާނަން،" ޙަސަން ވިދާޅުވިއެވެ.
ޙަސަން އިތުރަށް ވިދާޅުވީ އަންނަ ހަފުތާގައިވެސް ކޯލިޝަނާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުން އޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން ކުރައްވާ މަޝްވަރާތަކެއްކަމަށް ހަސަނު މި މަޝްވަރާތައް ސިފަކުރެއްވުމުން ރައީސް އިބްރާހީމަށް ތާއީދުކުރައްވާ މެންބަރުން ފާޑުކިޔާތީ އެކަމަށްވެސް ހަސަނު ރައްދުދެއްވިއެވެ.
ހަސަނު ވިދާޅުވި ގޮތުގައި އެބޭފުޅުން ޖުމްހޫރީ ޕާޓީއާ ބައްދަލުކުރައްވަނީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އެދިވަޑައިގަތުމުންނެވެ. އަދި ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީއަށް އަދި ޕާޓީގެ މެންބަރުންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދެއްވަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.