އެއް އަހަރު ދުވަހުގެތެރޭގައި ނިންމާގޮތަށް ހުޅުމާލެ ޓެނިސް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލެ ޓެނިސް ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މި މަޝްރޫއަކީ އެބޭފުޅާގެ ޒައާމަތުގައި ކުޅިވަރަށް ކޮށްދެވުނު އެންމެ ހިތްހަމަޖެހުން ލިބިގެން ދިޔަ އެއް މަޝްރޫއު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 250 މިލިއަން ޚަރަދުކޮށްގެން ގާއިމު ކުރާ މި ކޮމްޕްލެކްސްގެ ސަބަބުން ރާއްޖޭގައި މި ކުޅިވަރު ތަރައްގީވެގެންދާނެ ކަމަށާއި އަދި ބައިނަލް އަގުވާމީ ފެންވަރުގެ ކުޅުންތެރިން އުފެދިގެން ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ކޮމްޕްލެކްސް ވެގެންދާނީ ބައިނަލް އަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ތަނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ހަފީޒް ވިދާޅުވީ ހުޅުމާލެ ޓެނިސް ކޮމްޕްލެކްސް އާއެކު މާލެ ސަރަހައްދުގައި މިހާރު އޮތް ހަތަރު ކޯޓާއެކު ޓެނިސް ކުޅޭ ކޯޓުގެ އަދަދު ނުވަޔަކަށް އިތުރުވެގެންދާނެ ކަމަށެވެ. މިއީ މި ކުޅިވަރަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ހަފީޒް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަތޮޅު ތެރޭގައި މި ކުޅިވަރު ފުޅާކުރުމުގެ ވިސްނުމުގެ ތެރެއިން ޅ. ނައިފަރުގައި އަޅާ ކޯޓުގެ މަސައްކަތް ދެމަސްތެރޭގައި ނިމިގެންދާނެ ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ.
މި މަސައްކަތް ހަވާލު ކުރި ރޯޓައިން އިންޖިނޭރިން ޓެކްނޮލޮޖީގެ ސީއީއޯ ޝައު ވޯލްޑަން ވިދާޅުވީ އެކުންފުނިން ހާވާލު މި މަޝްރޫއު ޓެނިސް އާއިލާ އާ ހަމަ އަށް އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސްދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް ރަނގަޅު ފެންވަރެއްގައި ނިންމައި ޓެނިސް އާއިލާއަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލެ ޓެނިސް ކޮމްޕްލެކްސްގެ ޑެވެލޮޕަރ އަހްމަދު ނަޒީރް ވިދާޅުވީ މި ތަންވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ކުޅިވަރު މަޝްރޫއަށް ކަމަށެވެ. އެގޮތުން މި ކޮމްޕްލެކްސްގައި ފަސްކޯޓް ހިމެނޭއިރު އެންމެ ފަހުގެ ޖިމަކާއި ފިހާރަތަކާއި ފާހާނަ ބަރި، ކޮންފަރެންސް ރޫމް ހިމެނޭނެ ކަމަށެވެ. މީގެ ސަބަބުން ގިނަ ފައިދާތަކެއް މި ކުޅިވަރަށް ލިބިގެންދާނެ ކަމަށް ނަޒީރް ވިދާޅުވިއެވެ.