Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިކުރެއްގެ ދިރުން

"ފިކުރެއްގެ ދިރުން" ފެކްޝަނުން އެމްޑީޕީގެ ނަމުގައި މިރޭ ޖޭޕީއާ ބައްދަލުކުރައްވަނީ

އެމްޑީޕީ އެތެރޭގައި އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފައްޓަވާފައިވާ "ފިކުރެއްގެ ދިރުން" ހަރަކާތުގެ ފަރާތުން ރައީސް ނަޝީދުގެ ދެ މަންދޫބަކު މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ފިކުރެއްގެ ދިރުން ހަރަކާތުގެ އިސްމެންބަރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް އޭނާއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ، އަދި އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރު ހުސައިން އަމްރު ޤާސީމާ މަޝްވަރާކުރެއްވުމަށް އެބަ ބައްދަލުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދުވަނީ ބަލި ޤަބޫލުކުރައްވައި ރައީސްގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމުގެ ބަދަލުގައި އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި މުޅިން އައު ހަރަކާތެއް ފައްޓަވާފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފައްދައި އެ ގޮފިތަކަށް 50،000 އަށްވުރެ ގިނަ މެންބަރުން ހަމަކުރެއްވުން ކަމަށެވެ. އަދި އެފަދައިން ނިންމެވީ ރައީސް އިބްރާހީމަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭނެކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޖުމްހޫރީ ޕާޓީން ރައީސް އިބްރާހީމާއެކު ކޯލިޝަން ނުހަދާނެ ކަމަށެވެ. އެންމެފަހުން ކަން ނިމިގެންދިޔައިރު ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ވަކިން އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނަކާއެކު އިންތިޚާބަށް ނިކުންނާށެވެ.

އެ ނިންމުމާއެކު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއަށް ތާއީދުކުރުމުގެ އަޑުތައްވަނީ ގަދަވެފައެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބެއް އެމްޑީޕީގެ ނަމުގައި ޤާސިމާ ބައްދަލުކުރަައްވާތީ ރައީސް އިބްރާހީމަށް ތާއީދުކުރައްވާ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެފައިވެއެވެ. "ތަންތަނަށް ދިއުމުގެ ކުރިން ޕާޓީގެ އަސާސީ ޤަވާއިދު ނަގައިގެން ކިޔުއްވާލައްވާފައި ޕާޓީގެ ރައީސަށް އެއްޗެސް ވިސްނާދެވޭތޯ ބައްލަވާ!" ޙަސަނަށް ރައްދުދެއްވައި ރޮޒައިނާ ވިދާޅުވިއެވެ.

އަދި ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް އެބަހުރި ކަމަށެވެ. ބަލި ޤަބޫލުކޮށް ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އުޅެން ދަސްކުރައްވަން ރޮޒައިނާ ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންނަށް ގޮވައިލެއްވިއެވެ.

މި ލިއުމާއި ގުޅޭ