Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢާންމުންގެ އެކުވެރި ގުޅުން

ހިޔާގެ ކުލި ކުޑައެއް ނުކުރޭ، އެއީ އަސްލު އަގަށް ރުޖޫއަކުރުން: އާންމުންގެ ޖަމިއްޔާ

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވުމަކީ ކުލި ކުޑަކުރުން ނޫން ކަމަށާއި، އެއީ އަސްލު ފްލެޓުތަކުގެ އަގަށް ރުޖޫއަކުރުން ކަމަށް އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ބުނެފި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅުއްވި ހިޔާ ފުލެޓުތައް އެއިރުގެ ސަރުކާރުން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މެއިންޓެނެންސް ފީއާ އެކު 6،500 ރުފިޔާއަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މި ސަރުކާރުންވަނީ ހިޔާ ފުލެޓުގެ ކުލި މެއިންޓެނެންސް ފީއާއެކު 8،000ރ. އަށް ބޮޑުކުރި އެވެ.
މީގެ ކުރިންވެސް ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެތަނުގައި އުޅޭ ރައްޔިތުން އެދުނު ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ނުދީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ އާންމުންގެ ޖަމިއްޔާއިން އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓުތަކުގެ އަސްލު ކުއްޔަކީ 5،600ރ. ކަމަށެވެ.
ރައީސް އިބްރާހީމްގެ ސަރުކާރުން އެ ފްލެޓުތަކުގެ ފިނިޝިން ނިންމުމަކާ ނުލައި ކުލި 7،000 އަށް ބޮޑުކޮށް، އިންތިހާބަށް ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކުރިޔަސް އެއީ ހިޔާ ފްލެޓުތަކުގެ ކުލި "ކުޑަކުރުން" ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"އެއީ އެ ފްލެޓުތަކުގެ ކުލި އޭގެ އަސްލު އަގަށް ރުޖޫއަކުރުން. ފިނިޝިން ނުނިންމާ ދިފައި ހުރި ފްލެޓުތައް ކަމުން އޭގެ އަސްލު އަގު 5،600ރ. އަށްވުރެވެސް ވާންޖެހޭނީ ކުޑަ،" ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓުތައް ދޭން ނިންމީ އެތަންތަނުގެ ފިނިޝިން ނިންމުމަށްފަހު އެވެ. އެކަމަކު މި ސަރުކާރުން ފްލެޓުތައް ނުދީ ދެ އަހަރު ހިފެހެއްޓުމަށްފަހު އެތަންތަން ހަވާލުކުރީ ފިނިޝިންވެސް ނުނިންމާކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
އަދި ފްލެޓުތައް ހަވާލުނުކޮށް ދިޔަ މުއްދަތުގައި ހިޔާ 2500 ފްލެޓުގެ މަޝްރޫއު އަދި ހިޔާ އެއް ކޮޓަރީގެ 1000 ފްލެޓުގެ މަޝްރޫއު ސަރުކާރުން ބާތިލުކޮށް، އެތައް ބައެއްގެ ބޯހިޔާވަހިކަން ފޭރިގަތްކަންވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
ފްލެޓުތަކަށް މީހުން ވަދެ އާންމު ބަސް ހިދުމަތްތަކުން ފެށީގެން މިއަދާ ހަމައަށް ޖުރަން ޖެހުނު ހުރިހާ އަސާސީ ކަންކަމެއްވެސް ކުރުވީ ފްލެޓުވެރިން ނުކުމެ އަޑު އުފުލުމުން ކަމަށްވެސް އާންމުންގެ ޖަމިއްޔާއިން ބުންޏެވެ.
"މިކަންކަން ފްލެޓުވެރިން ހަނދާން ނެތިދާނެ ކަމަށް ރައީށް އިބްރާހީމްގެ ސަރުކާރުން ވިސްނީތީވެ ހައިރާންވޭ. ސިޔާސީ ސަބަބަުތަކަށް އާންމުންގެ 30،000 މީހުން ކޮވިޑުގެ އެންމެ ހާލުގައި ޖެހިފައި ތިބި ވަގުތު ފަހަތުން އައިސް ކޮށްޕައި ދަރަނީގެ އަނދަވަޅަކަށް ވައްޓާލީ ކޮންބައެއްކަން ފްލެޓުވެރިން ހަނދާން ނުނެތޭނެ،" ބަޔާނުގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ