މި ދައުރު ނިމޭއިރު ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތަކުގެ ވެރިން ތިބޭނީ ޖަލުގައިކަމަށް ރައްޔިތުން މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
ބޯދިގު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުން މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
"ބައެއް ބޭފުޅުން ވިދާޅުވަނީ އެސްއޯއީތަކުން ކޮންމެހެން ފައިދާ ވާކަށް ނުޖެހެޔޭ، އެކަމަކު ފައިދާ ނުވިޔަސް ދަރާކަށް ނުޖެހޭނެ، ކޮންމެ ރަށެއްގައި ސްޓޭޝަނެއް އިންނަން ޖެހޭ، ގެއެއް އިންނަން ޖެހޭ ނޫނިއްޔާ ހަޓެއް އިންނަން ޖެހޭ، ކޮންމެސް އެއްޗެއް އިންނަން ޖެހޭ، އިންނަން ޖެހޭ ސަބަބެއް ނެތް ލާރި ނުލިބެންޏަކާ، މަސައްކަތް ކުރާ މީހުންނަށް ލާރި ނުވަތަ އުޖޫރަ ނުދެންޔާ އެކަން ކުރުވާނެ ކަމެއް ނެތް" ބޯދިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް މިހާރުވެސް އޮތީ ބަނގުރޫޓްވެފައިކަމަށާއި ދައުލަތުން ސަބްސިޓީ ދީ ހަލާކު ކުރާކަށް ކުންފުންޏެއް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މިންވަރާއި ގުޅިގެން ބޯދިގު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ނުބެލިގެން އުޅެނީ އެސްއޯއީތަކުގެ ތިބި ވެރިންގެ ބާރުވެރިކަމާއި އެބޭފުޅުން ދެވަނަ ދައުރަކަށް ތިބެންވެގެން ކުރާ މަސައްކަތްތަކުގެ ސަބަބުންކަމަށެވެ.
އޭނާ ވިދާޅުވީ އެސްއޯއީތަކުގެ ތިބި ވެރިންނަށް ދެވަނަ ދައުރެއްގެ ފުރުޞަތު ނުދޭނެކަމަށާއި މި ދައުރު ނިމޭއިރު އެބޭފުޅުން ތިބޭނީ ޖަލުގައިކަމަށެވެ.