ވަކިވަކި ފަރުދުންނަށާއި ވިޔަފާރިވެރިންނަށް ފިނޭންސް މިނިސްޓްރީން ފައިސާ ނުދައްކާ ހުރި ހުރިހާ ބިލެއް މަޖިލީހުގައި ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
ސަރުކާރުގެ ކުންފުނިތައް މޮނިޓާކުރުމަށް ގާނޫނެއް އެކުލަވާލުމަށް ގޮވައިލައި ހުށަހަޅާފައިވާ ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ސައީދު ވިދާޅުވީ، "ސަރުކާރުގެ ސިޔާސީ ވިންގް ރިކްރޫޓްކުރަން ގެންގުޅޭ" ފެނަކައިން މިހާރުވެސް އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދަރާފައި އެބަ އޮތް ކަމަށެވެ.
"73 ބިލިއަން އެތެރޭގެ ދަރަނި އެބަ އޮތް މި ހަތަރު އަހަރު، 2022 އާ ހަމައަށް. ދެން މިތާނގެ މަޖިލިސް ތެރެއިން ސަރުކާރު ގެންގުޅޭ ވަރަށް މޮޅު ވިސްނުމެއް، ކޮބައިހޭ މައްސަލައަކީ. ސަރުކާރެއް ނުއެއް ދަރާނޭ ދައުލަތަކަށް. ފޮހެލާނީއޭ. އަދަދު ފޮހެލީމަ އެކަން ނިމުނީއޭ،" ކުރީގެ އޮކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރަނި އޮތް މިންވަރު ބެލުމަށް ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލުތައް މަޖިލީހުގައި ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަދަންޖެހޭ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން މިއަދު މަޖިލީހުގެ ފެންޑާގަ މޭޒެއް ބައިންދަން، ރައްޔިތުންގެ ތެރެއިންނާއި ވިޔަފާރިވެރިންނާއި މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސުން ފައިސާ ނުދައްކައިގެން ހުރި ހުރިހާ ބިލެއް މި މަޖިލީހުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް، ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފަށައިގެން ނަމަވެސް މިތާ ފެންޑާގަ ޑެސްކެއް ބަހައްޓަން. ކިހާ ބަޔަކު ބިލު ހިފައިގެން އާދޭތޯ ބަލަން،" ސައީދު ވިދާޅުވި އެވެ.
އެއްކޮޅުން ފައިސާ ޕްރިންޓު ކުރަމުން، އަނެއްކޮޅުން ފޮހޭ ރަބަރަކުން ފޮހެމުންދާނަމަ މާލޭގައި ވަކި ރައީސުލްޖުމްހޫރިއްޔާއަކާއި ފިނޭންސް މިނިސްޓަރެއް ހުރުމުގެ ބޭނުމެއް ނެތްކަމަށް ވެސް ސައީދު ވިދާޅުވި އެވެ.