ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދު (މައިފޫނާ) މާލެއާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރެއްވުމަށް 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އައުޑީ ކާރެއް އެ ކުންފުނިން ގަނެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން އުޝާމް ވިދާޅުވީ އޭނާ ގެ ކައިރީ އެކުވެރިޔަކާއެކު ހުއްޓައި ވަރަށް ރީތި ހުދުކުލައިގެ ކާރެއް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ ކާރުގައި ޖަހާފައިހުރީ ސީ ބޯޑެއްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ މާ ގިނައިރު އެކާރަށް ބައްލަވަން ފެއްޓެވުމުން އެއީ ކާކުގެ ކާރެއްކަން އެނގޭތޯއާއި އެކާރު ގަތީ ކިހިނެއްކަން އެނގޭތޯ އޭނާގެ އެކުވެރިޔާ ސުވާލުކުރިކަމަށް އުޝާމު ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ އޭނާއަށް އެ ކާރުގެ ހަގީގަތް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން އެކުވެރިޔާ ވިދާޅުވީ އެއީ މާލެއާއި ހުޅުމާލެއާ ދެމެދުގައި އެމްޑީ ސައީދު ދަތުރުކުރެއްވުމަށް ފެނަކައިން 3 މިލިއަން ރުފިޔާ ދީފައި ގަނެފައި އޮތް ކާރެއްކަމަށް ކަމުގައެވެ.
އެހާ ބޮޑު އަގުގައި ދައުލަތުގެ ކުންފުންޏަކުން ކާރެއް ގަތުމުން އެކަމުގެ ހަގީގަތް ބައްލަވަން ބޭނުންފުޅުވެގެން ބެއްލެވި ބެއްލެވުމުން އެ ކާރަކީ ފެނަކައިގެ އެމްޑީ ދަތުރުކުރެއްވުމަށް 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގަނެފައިވާ ކާރެއްކަން އެނގިވަޑައިގެންނެވިކަމަށްވެސް އުޝާމު ވިދާޅުވިއެވެ.
"އޭގެ ހަގީގަތް ބަލާއިރު 3 މިލިއަން ރުފިޔާއަށް ގަތް ކާރެއް ނޫން. 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްލައިގެން ފެނަކައިގެން އެމްޑީ މާލެއާއި ހުޅުމާލެ ދޭތެރޭގައި ދަތުރުކޮށްލަން ގަތް ކާރެއް،" އުޝާމް ވިދާޅުވިއެވެ.
އުޝާމު އިތުރަށް ފާހަގަކުރެއްވީ ފެނަކައަކީ 2 ބިލިއަން ރުފިޔާއިން ދަރާފައި އޮތް ކުންފުންޏެއް ކަމެވެ. އަދި އެ ކުންފުނިން ދައްކަންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ ވިޔަފާރި ހުއްޓައިލަންޖެހޭ ހާލަތު މެދުވެރިވެފައިވާކަމަށްވެސް އުޝާމު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް އުޝާމު ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ނުހުއްޓުވޭނަމަ ޑިމޮކްރަސީ ފުރިހަމައަށް ނޯންނާނެއެވެ. އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ މިސާލެއްގެ ގޮތުން އުޝާމު ފާހަގަކުރެއްވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކުންފުނިތަކުން ކަންކަން ކުރި ގޮތެވެ. އަދި ފެނަކައަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން އުފައްދާފައިވާ ކުންފުންޏެއްކަމަށް މިހާރު ރައްޔިތުން ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.