ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް އެކުލަވައިލެއްވި ކޯލިޝަނާއެކު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމުން ސަރުކާރު ބައިއަޅާނެ ގޮތާމެދު އިއްތިހާދުގެ ބައިވެރިން އެއްބަސްވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭގެ ލީޑަރުންނާ އިއްޔެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ ސަރުކާރު އެކުލަވައިލުމާ ގުޅޭ ގޮތުން ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ކުރިއަށްދާނަމަ ސަރުކާރުގެ ހުރިހާ ފަންތިއެއްގައިވެސް ކޯލިޝަނުގައި ބައިވެރިވާ ޕާޓީތަކުން މެންބަރުން ތިއްބަވަންވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން މިހާރު އެއްބަސްވެވިފައިވަނީ ކޯލިޝަން ސަރުކާރެއްގައި ކެބިނެޓާއި ސަރުކާރުގެ އެހެނިހެން ފަންތިތަކުގައި ޕާޓީތަކުގެ މެންބަރުން ތިއްބަވާނެ އަދަދުތަކާއި ގޮތްތަކާ ގުޅޭ ގޮތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި ކޯލިޝަން އެއްބަސްވުމުގެ ތެރެއިން އާންމުންނަށް ހާމަކުރަންޖެހޭ ބައިތައް ހާމަކުރައްވާނެ ކަމަށެވެ. އެހެންކަމުން ކޯލިޝަން އެއްބަސްވުން އޭގެ ފުރިހަމަ ގޮތުގައި ހާމަކުރައްވާނެކަމަށް ނުބެލެވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތީ 2018 ވަނަ އަހަރު އެކުލަވައިލި 4 ޕާޓީ ހިމެނޭ ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް އެއްބަސްވި ގޮތަށް މަޤާމުތައް ހަމަނުޖެހޭކަމަށް ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން އަބަދުވެސް ބުނެއެވެ.
އެއިރުގެ ކޯލިޝަން އޮތް ގޮތުން މައި ޕާޓީ އެމްޑީޕީއަށް ސަރުކާރުން 40 އިންސައްތަ އަދި ޖޭޕީއަށް 25 އިންސައްތަ، އެމްއާރުއެމަށް 20 އިންސައްތަ އަދި އަދާލަތަށް 15 އިންސައްތަ ދޭންޖެހެއެވެ.
ކޯލިޝަނުގެ ބައިވެރިންނަށް މަޤާމުތައް ދޭންޖެހުމާއި ސިޔާސީ ބޭނުމަށް މަޤާމުތައް އުފެއްދުމުގެ ސަބަބުން 2018 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 400 ގައި ހުރި ނަމަވެސް މިހާރު އެ އަދަދުވަނީ 1،000 އަށްވުރެ އިތުރުވެފައެވެ. އަހަރުން އަހަރަށް ސިޔާސީ މަޤާމުތަކަށްކުރާ ޚަރަދު އަންނަނީ ބޮޑުވަމުންނެވެ.