Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރިސޯޓުތަކުގެ މަތީ މަގާމުތައް ދިވެހިންނަށް ހާއްސަކުރަން ގޮވާލައި ގަރާރެއް

ފަތުރުވެރިކަމުގެ ސިނާއަތުގެ މެނޭޖަރު ލެވެލްގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކެއް ކަމުގައި ކަނޑައެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރިސޯޓުތަކުގެ މެނޭޖަރު ކަމާއި، އެޗްއާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ ގޮތަށް ހަދަން ގޮވާލައި މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބުރު އެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ޖާބިރުގެ ގަރާރުގައި ބުނީ، ގާތްގަނޑަކަށް %80 ރަށްތަކުގައި އޮޕަރޭޓްކުރާ ރިސޯޓުތަކުގެ މެނޭޖަރުންނަކީ ބިދޭސީން ކަމަށެވެ. އަދި %95 ރަށްތަކުގައި އެކައުންޓްސް މެނޭޖަރު ނުވަތަ ޗީފް އެކައުންޓެންޓަކީ ބިދޭސީއެއް ކަމަށާއި، %70 ރަށްތަކުގައި އެޗްއާރު މެނޭޖަރުންނަކީ ވެސް ބިދޭސީން ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ބައި ގަރުނުވެގެން ދިޔަ އިރު ވެސް އެކަންކަމަށް ހައްލު ނުލިބި އޮތްކަން ފާހަގަކޮށް ގަރާރުގައި ވަނީ އެކަމަށް ހައްލު ގެނައުމަށް ގޮވާލާފަ އެވެ. ދިވެހިންނަކީ މަތީ މަގާމުތަކަށް ކުފޫ ހަމަނުވާ ބައެއް ކަމަށް ބަޔަކު ދެކުމަށް ވުރެ ބޮޑު މައްސަލައެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.

"..ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެ ކަމަށް އޮތް އެންމެ ފުޅާ ތަޅުމަކީ މަޖިލީހުގެ ތަޅުން ކަމަށް އަޅުގަނޑަށް ފެންނާތީ، އެ ކަމަށް މަޖިލީހުގައި ބަހުސްކޮށް، މަޖިލީހުގެ މެމްބަރުން ދެކޭ ގޮތް ހާމަކޮށް، މި މައްސަލައަށް ހައްލެއް ހޯދުމަށް" އެ ގަރާރު ހުށަހެޅުއްވީ ކަމަށް ޖާބިރު ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ