Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

ޒިންމާއިން ރެކިވަޑައިގަތުމަށް "އަންހެން ކާޑު" ނެންގެވުމުން މާރިޔާއަށް އާންމުންގެ ފާޑުކިޔުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަލާމަތީ ތަރުތީބުތައް ފޫއަޅުވައިލާ އެމަނިކުފާނުގެ މޮޓޯކޭޑު މުޒާހަރާއެއްގެ ތެރެއަށް ވައްދައިލި މައްސަލާގައި އަމާޒުވާ ފާޑުކިޔުމަކީ އަންހެން ބޭފުޅަކަށްވާތީ އަމާޒުވާ ފާޑުކިޔުންކަމަށް ވިދާޅުވުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއަށް ގިނަ ބަޔަކު ފާޑުކިޔައި އޭނާ މަޤާމުން އިސްތިއުފާދެއްވަން ގޮވާލައްވައިފިއެވެ.

ހޯދަމަދުވަހުގެ ރޭގައި ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މާލެއަށް ވަޑައިގެން މުލިއާގެއަށް ވަޑައިގެންނެވި މަގުމަތީގައި އެމަނިކުފާނުގެ މޮޓޯކޭޑުވަނީ، ސިލްސިލާކޮށް އިދިކޮޅުން ކޮންމެ ރެއަކު މާލޭގައި ބާއްވަމުންދިޔަ މުޒާހަރާގެ ތެރެއަށް ވަދެފައެވެ. އަދި މޮޓޯކޭޑު މުޒާހަރާގެ ތެރޭގައި 15 ވަރަކަށް މިނިޓު ތާށިވިއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގުކަމަށްވާ މަޖީދީ މަގުގައި ބޮމުގެ ހަމަލާއެއް ދެވިފައިވާކަން ފާހަގަކޮށް، ރައީސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ދޯދިޔާވުމަކީ މިނިސްޓަރު މާރިޔާ އިސްތިއުފާދެއްވަންޖެހޭ ކަމެއްކަމަށް ގިނަ ބަޔަކު މީސްމީޑިއާގައި ޚިޔާލުފާޅުކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސްވަނީ މިނިސްޓަރު މާރިޔާގެ ބެލެހެއްޓެވުމުގެ ދަށުގައި ޤައުމީ ދިފާއީ ބާރު ސިޔާސީވެ އަސްލު މަސައްކަތްނުކުރެވި ދޯދިޔާވަމުންދާކަން ފާހަގަކުރައްވައި މާރިޔާ މަޤާމުން ވަކިިކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ގޯސްކޮށް ހިނގައިގެން އެއްވެސް މީހަކު ހެލްތު މިނިސްޓަރަށް ފާޑުނުކިޔާ ކަމަށެވެ. އަދި ފުލުހުންނަށް ކަމެއް ގޯސްކޮށްކުރެވުނަސް ހޯމް މިނިސްޓަރުގެ އިސްތަށިފުޅުގައި އެކަމުގެ އިލްޒާމު ނާޅުވާ ކަމަށެވެ.

އެހެންނަމަވެސް އޮޕަރޭޝަނަލް ފެންވަރެއްގައި ނުވަތަ ޓެކްޓިކަލް ފެންވަރުގައި ގޯސްކޮށް ކަމެއް އެމްއެންޑީއެފުގައި ހިނގައިފިނަމަ، އަންހެނެއްކަމަށްވާ ޑިފެންސް މިނިސްޓަރަށް އެކަމުގެ އިލްޒާމު ރައްދުވާކަމަށާއި، މި މަހަކީ އަންހެނުން އިހުތިފާލުކުރާ މަސްކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ކުރެއްވި ޓުވީޓު ރިޓުވީޓުކޮށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ޢަބްދުﷲ މުއްތަލިބު ބުނީ އައިޖީއެމްއެޗްގައި ގޯސްކޮށް ކަމެއް ހިނގުމާއި ފުލުހުންނަށް ގޯހެއް ހެދުމާއި ރައީސްގެ ސަލާމަތީ ކަންކަން ފޫއަޅުވައިލެވުމަކީ ތަފާތު އެއްގޮތްނުކުރެވޭނެ ދެކަމެއް ކަމަށެވެ. ރައީސްގެ ސަލާމަތް ނުރައްކަލަށް ހުށަހެޅުމަކީ ހަމައެކަނި މުއައްސަސާ ފެއިލްވުންކަމަށް އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާވަރަށް އެމަނިކުފާނުގެ ސަލާމަތީ ކަންކަން ފޫއަޅުވައިލެވުމާއި، މުޒާހަރާކުރާ މީހުންނާމެދު މާރިޔާ ދެއްކެވި ލަދުވެތި ނަފުރަތުން ފުރިގެންވާ ވާހަކަތަކާއި، ޤައުމު ދިފާއުކުރުމުގައި ސިފައިންގެ ޤާބިލުކަމެއް ނެތްކަމަށް ވިދާޅުވުންފަދަ ކޮންމެ ކަމަކީ މާރިޔާ އިސްތިއުފާދެއްވަންޖެހޭ ކަމެއް ކަމަށެވެ. އަދި މާރިޔާއަކީ ރައީސް އިބްރާހީމަށް އުފުއްލުވަން ނުކުޅަދާނަވާ މިންވަރުގެ ދާގީނާއެއްކަމަށްވެސް އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނެފައިވަނީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއަށް މީހުން އަބަދުވެސް ފާޑުކިޔާ ކަމަށެވެ. އަދި މާރިޔާ ވިދާޅުވާ ގޮތުން އޭނާ އަންހެނަކަށްވުމަކީ އޭނާގެ މަޤާމުގެ ޒިންމާއިން އިސްތިސްނާވާނެކަމްށްތޯ ސުވާލުކުރުމާއެކު، އޭނާ ބުނެފައިވަނީ މާރިޔާ އިސްތިއުފާދީފައި މަޤާމު ފިރިހެނަކާ ހަވާލުކުރުން ރަނގަޅުވާނެކަމަށެވެ. އެއިރުން ގައިމުވެސް "އެއީ އަހަރެން ފިރިހެނަކަށްވީތީ"ކަމަށް ނުބުނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ މާރިޔާ މިންތީގެ ކާޑު ކުޅުއްވާނެކަމެއް ނެތްކަމަށާއި، މަޤާމުގައި އަންހެނަކު ނުވަތަ ފިރިހެނަކު ހުރުން މުހިއްމުނޫންކަމަށާއި ބޭނުންވަނީ ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ ނަންގަވާނެ ބޭފުޅެއް ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ޒިންމާ ނަންގަވައި އިސްތިއުފާދެއްވަންޖެހޭ ކަމަށެވެ.

ގިނަ ބަޔަކުވަނީ ޑިފެންސް މިނިސްޓަރުގެ މަޤާމުގެ ޕްރެޝަރު ތަހައްމަލުނުކުރެއްވޭނަމަ އެންމެ ރަނގަޅު ގޮތަކީ މާރިޔާ އިސްތިއުފާދެއްވުންކަން ފާހަގަކޮށްފައެވެ. އަދި މާރިޔާއަށް ފާޑުކިޔަނީ އޭނާއަކީ އަންހެނަކަށްވުމުން ނޫންކަމަށާއި މަޤާމަށް ނާޤާބިލުވުމުންކަމަށް މީހުން ފާހަގަކުރިއެވެ. އަދި އެހެން މިނިސްޓަރުންނަށްވެސް ފާޑުކިޔާކަން އެމީހުން ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ