އަފްޣާނިސްތާނަށާއި ޕާކިސްތާނަށް އައި 6.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމާއި ގުޅިގެން ގާތްގަނޑަކަށް 11 މީހުން މަރުވެ 300 އެއްހާ މީހުން ޒަހަމްވެއްޖެއެވެ. މަރުވި މީހުންގެ އަދަދު އިތުރުން ވަމުންދާނެކަމަށް ދެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ ނިއު ދިއްލީއާއި ހަމައަށް އަސަރުކުރި ބިންހެލުން ފެށުނީ އަފްޣާނިސްތާނުގެ ޖުރްމް ޓައުންއިން ދެކުނުއިރުމަތިން 40 ކިލޯމީޓަރު ބޭރުން، ޕާކިސްތާނާއި ތަޖިކިސްތާނުގެ ބޯޑަރު ކައިރިންކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލިޖޮކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުންޏެވެ.
އިމާރާތްތަކާއި ގެތަށް ބިމާހަމަވުމުގެ އިތުރުން، ބިންގަނޑު ކަހައިލުމުގެ ސަބަބުން އިސްލާމްއާބާދުން 180 ކިލޯމީޓަރު އުތުރުހުޅަނގުގައި އޮންނަ ސްވަޓް ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ތާލިބާނުންގެ ޕަބްލިކް ހެލްތު މިނިސްޓްރީއަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން، ޝަރާފަތު ޒަމަން އަމަރުއާ ހަވާލާދީ އޭޕީ ނިއުސްއިން ރިޕޯޓްކުރާގޮތުގައި، މިހާތަނަށް އަފްޣާނިސްތާނުން 2 މީހުން މަރުވެ، 20 ވަރަކަށް މީހުން ޒަހަމްވެފައިވެއެވެ. ބިންހެލުމުގެ އެންމެ ނުރައްކާތެރި އަސަރު ކޮށްފައިވާ ހިސާބުތަކުން މި އަދަދު އިތުރުވަމުން ދާނެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށްވެސް އަމަރް ވިދާޅުވިއެވެ.
ޕާކިސްތާނުގެ މޫސުމީ އިދާރާއިން، ބިންހެލުމުގެ ބާރުމިން 6.8 މެގްނިޓިއުޑްއާއި ހަމައަށް ރިޕޯޓްކޮށްފައިވާއިރު، ބިންހެލުމުގެ ސަބަބުން 3.7 މެގްނިޓިއުޑްގެ ލޮޅުމެއް ހިންދޫ ކުޝް ސަރަހައްދަށް އައިކަމަށް އެ އިދާރާއިން ބުންޏެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ސަލާމަތީ ފަރާތްތައް ވަރަށްވެސް ހުށިޔާރުވެގެން ތިބުމަށް، ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އިލްތިމާސްކުރައްވާފައިވެއެވެ.
6.5 ގެ މި ބިންހެލުމުގެ އަސަރު ކޮށްފައިވާ ހިސާބުތަކުގެ ތެރޭގައި އަފްޣާންގެ ވެރިރަށް ކަބުލްއާއި، ޕާކިސްތާނުގެ އިސްލާމްއާބާދާއި ލާހޯރުގެ އިތުރުން، އިންޑިއާގެ ކަޝްމީރު އަދި ނިއު ދިއްލީ ހިމެނެއެވެ.
އިރުމަތީ އަފްޣާނިސްތާނަށް މިދިޔަ އަހަރު އެރި 6.1 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 1000 އަށް ވުރެން ގިނަ މީހުން މަރުވިއެވެ.