Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކުންފުނިތައް

ކޯޕަރޭޓް ގަވަނޭންސް ކޯޑުގައިވާ ގޮތަށް ދައުލަތުގެ ގިނަ ކުންފުނިތަކުން އޮޑިޓު ރިޕޯޓު އާންމުނުކުރޭ

ސަރުކާރު ކުންފުނިތަކުގެ ހިންގުން ބައްޓަންކުރަންވާ ގޮތް ބަޔާންކުރާ ކޯޕަރޭޓް ގަވަނޭންސް ކޯޑުގައިވާ ގޮތުގެ މަތިން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން އެ ކުންފުނިތަކުގެ އޮޑިޓު ރިޕޯޓުތައް އާންމުނުކުރާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އެ ކޯޑާ އެއްގޮތަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރެވޭތޯއާއި އެ ކޯޑަށް އަމަލުކުރަމުންނުދާ ކުންފުނިތަކަކީ ކޮބައިތޯ ބެެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމީރު ހިއްސާކުރެއްވި މައުލޫމާތުންނެވެ.

އެގޮތުން ކޯޕަރޭޓް ގަވަނޭންސް ކޯޑާ އެއްގޮތަށް ކުންފުނިތަކުން އަމަލުކޮށްފައިވާ މިންވަރު އެނގޭނެ ޝީޓެއް އަމީރު ހިއްސާކުރައްވާފައިވާއިރު، ގިނަ ކުންފުނިތަކުން އެ ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް އޮޑިޓު ރިޕޯޓުތައް އާންމުނުކުރާކަން އެނގެއެވެ.

އެ ކޯޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުންފުނިތަކުން ފުރިހަމަކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބޯޑުގެ މެންބަރުންގެ މަސައްކަތު ފެންވަރު ބަލާނެ ސިޔާސަތެއް ކަނޑައެޅުމާއި، ބޯޑު މެންބަރުންގެ ކޯޑު އޮފް އެތިކްސް އެކުލަވައިލުމާއި، އެތެރޭގެ އޮޑިޓު އޮތުމާއި، އޮޑިޓުކޮށްފައިވާ މާލީ ބަޔާންތައް ވެބްސައިޓުގައި އާންމުކުރުން ހިމެނެއެވެ.

އެމްޑަބްލިއުއެސްސީއާއި، އެމްއޭސީއެލްއާއި، ސްޓެލްކޯ، އައިލެންޑް އޭވިއޭޝަން އަދި ފެނަކައިން އޮޑިޓު ރިޕޯޓު ވެބްސައިޓުގައި ޝާއިއުކޮށްފައިނުވި ނަމަވެސް ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ކުންފުނިތަކުގެ އޮޑިޓު ރިޕޯޓުތައް އޮޑިޓާ ޖެނެރަލް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވެއެވެ.

ޕޯސްޓު ކުންފުންޏާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީއާއި، ވެމްކޯއާއި، އެމްއެސްއެލްސީ، ޕީއެސްއެމް ފަދަ ކުންފުނިތަކުން އޮޑިޓު ރިޕޯޓު އާންމުކޮށްފައިނުވެއެވެ. އަދި އެ ކުންފުނިތަކުގެ އޮޑިޓު ރިޕޯޓުތައް އޮޑިޓާ ޖެނެރަލް އޮފީހުގެ ވެބްސައިޓުގައިވެސް ޝާއިއުކޮށްފައި އަދި ނެތެވެ.

އާރުޑީސީގެ އިތުރަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުއ އިސްވެ އުފައްދަވާފައިވާ، ޓްރޭޑްނެޓް، އެސްޑީއެފްސީ، އެފްޑީސީ، އެމްއެފްއެމްސީ ފަދަ އެއްވެސް ކުންފުންޏަކުން އޮޑިޓު ރިޕޯޓު ވެބްސައިޓުގައި ޝާއިއުކޮށްފައިނުވެއެވެ.

ކޯޕަރޭޓު ގަވަނޭންސް ކޯޑާ އެއްގޮތަށް މި ކުންފުނިތަކުން އޮޑިޓު ރިޕޯޓުތައް އާންމުނުކުރި ނަމަވެސް އެއިން ކުންފުންޏަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ