ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓީމުން ވިދާޅުވަމުން ގެންދަވަނީ އެމީހުން މިތިބީ ގަދަކޮށް ކަމަށާއި، ނަމަވެސް މި ފޮޓޯއިން ފެންނަނީ މުޅިން އެހެން ވާހަކަ ތަކެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް އާއެކު މިހާތަނަށް ކޯލިޝަން ހަދަން އެއްބަސްވެފައިވާ އަދާލަތާއި އެމްޑީއޭއާއެކު މިއަދު ރައީސް ސޯލިހް ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ ހިއްސާ ކުރައްވައި ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ މިފޮޓޯ އިން ފެންނަނީ ނާއުންމީދާއި މާޔޫސްކަމާއި އެކަނިވެރިކަން ކަމަށެވެ. އަދި މޫނު ތަކުގައި އެއްވެސް އުޖާލާ ކަމެއް ނެތް، ވަރަށް ހާސްވެ، ކަންބޮޑުވެފަ ތިބި ބައެއްކަން އެނގޭ ކަމަށެވެ.
ޝުޖާއު ވަނީ މި ވެރިންގެ ކިބައިން ގައުމު ސަލާމަތް ކޮށްދެއްވުމަށް ދުއާ ކުރައްވައިފައެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، މަޑުކޮށްގެން ހުންނެވީ ޖުމްހޫރީ ޕާޓީން އެމަނިކުފާނުގެ ރިކުއެސްޓަށް ކޮންމެވެސް ރަސްމީ ސިފައެއްގައި ޖަވާބެއް ލިބޭތޯ ކަމަށް ރައީސް އިބްރާހިމް މިއަދު ވަނީ ވިދާޅުވެފައެވެ.
އެހެން ވިދާޅުވުމަށްފަހު އަނެއްކާވެސް ވިދާޅުވެފައި ވަނީ ޖޭޕީއިން ކޯލިޝަން ހަދަން އެއްބަސް ވެއްޖެނަމަ އިންތިޚާބު ކާމިޔާބު ކުރުމަށް މާ ފަސޭހަ ވާނެ ކަމަށެވެ.