މަޑުކޮށްގެން ހުންނެވީ ޖުމްހޫރީ ޕާޓީން އެމަނިކުފާނުގެ ރިކުއެސްޓަށް ކޮންމެވެސް ރަސްމީ ސިފައެއްގައި ޖަވާބެއް ލިބޭތޯ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން މިއަދު މުލިޔާގޭގައި ރައީސްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް އިބްރާހިމް ވިދާޅުވީ ޖޭޕީއިން އެމްޑީޕީ އާއެކު ކޯލިޝަން ނެހެދި ނަމަވެސް އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ރައީސް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މިހާތަނަށް ދެކެވުނު ވާހަކަތަކުގެ އަލީގައި އާ ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.
އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީއަށް ކޯލިޝަނާ ގުޅެން ރަސްމީކޮށް ދައުވާތު ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބަށް ވަކި ކެނޑިޑޭޓެއް ނެރޭނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް ރަސްމީ ޖަވާބެއް ލިބެންދެން މަޑުކޮށްލައިގެން ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތާއީދު ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި މިހާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އެމްއެންޕީ އާއި ޖޭޕީއިން ވަނީ ވަކިން ވާދަކުރައްވާނެކަން އިއުލާނުކޮށްފައެވެ. ނަމަވެސް އަދާލަތާއި އެމްޑީއޭއިން ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ.