މެމްބަރުންގެ އަދަދު 3000 ހަމަ ނުވާ ޕާޓީއެއްގެ ގޮތުގައި ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ރައީސް ފާރިސް މައޫމޫނަށް ސިޔާސީ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދަން އެ ޕާޓީން އިއުލާންކޮށްފިއެވެ.
އެމްއާރުއެމްގެ ޓިކްޓޮކް އެކައުންޓުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިޔާސީ ކެމްޕެއިނުކޮށްދޭނެ ވޮލަންޓިއަރުން ހޯދަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތަކަށް ހަފްތާއަކު 1250 ރުފިޔާ ދޭނެ ކަމަށާއި ހަފްތާއަކު 30 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ހަމަ އެކަނި ޝަރުތަކީ އުމުރުން 18 އަހަރާއި 29 އަހަރާއި ދެމެދުގެ ދިވެހި ރައްޔިތަކަށްވުމެވެ.
ކުރަންޖެހޭ މަސައްކަތުގެ މާބޮޑު ތަފްސީލެއް އެމްއާރުއެމުން ހާމަކޮށްފައިނުވެއެވެ. އެ ޕާޓީ އުފެދުނު ފަހުން މާގިނަ ސިޔާސީ މަސައްކަތްތަކެއް ނުކުރެއެވެ. އެ ޕާޓީއަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ލިބިފައިނުވާއިރު ސިޔާސީ މަސައްކަތަކަށް އެޕާޓީން މިވަގުތު ކުރާ ފާހަގަކޮށްލެވޭ ހަމައެކަނި މަސައްކަތަކީ ފާރިސް މައުމޫންގެ ފޮޓޯތަކާއި ވީޑިއޯތަށް ބޭރުގެ އެކިއެކި ލަވަތަކާއި އެކު ޓިކްޓޮކްގައި އާންމު ކުރުމެވެ.
އެމްއާރުއެމްއިން މިފަދަ އިއުލާނެއްކޮށްފައިވާއިރު އެ ޕާޓީން ވަނީ ދާދިފަހުން ރައީސް އިބްރާހީމް އަދި ޤާސިމް އިބްރާހީމާއި އެކުވެސް މަޝްވަރާތަކެއް ބާއްވާފައެވެ. އަދި ވަކިން އިންތިހާބަށް ކުރިމަތިލާނެ ކަމުގެ އިޝާރާތެއްވެސް އެ ޕާޓީން ވަނީކޮށްފައެވެ. ނަމަވެސް އެ ޕާޓީއަކީ އެހާގިނަ ބަޔަކު މިހާރު ތާއީދު ކުރާ ޕާޓީއެއް ނޫނެވެ. ރައީސް މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ނިމުމަށްފަހު އެމަނިކުފާނާއި އެކު ތިބި ގިނަ ފަރާތްތައް މިހާރު ތިބީ ރައީސް ޔާމީނާއި އެކުގައެވެ.