އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަންނަނީ ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ޒަކާތުގެ ނިސާބު:
- އާދައިގެ ހަނޑޫ: 12ރ.
- ތައިލެންޑު ހުދު ހަނޑޫ: 84ރ.
- ރަތް ހަނޑޫ: 99ރ.
- އާދައިގެ ބާސްމަތީ ހަނޑޫ: 84ރ.
- މޮޅު ބަސްމަތީ ހަނޑޫ: 100ރ.
- އެންމެ މޮޅު ބާސްމަތީ ހަނޑޫ: 125ރ.
- އާދައިގެ ފުށް: 12ރ.
- އާޓާ ފުށް: 75ރ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި އުރީދު އާއި ދިރާގު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަނާއި، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ 'ބަނޑޭރި ޕޭ' އިން ވެސް ޒަކާތް ދެއްކޭނެ އެވެ.
ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށްގެން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށެވެ.
ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.