ރައީސުލްޖުމުހުރިއްޔާ ދަތުރު ކުރެއްވި މޮޓޯކޭޑް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއަށް އައިސް ވަނީ ކީއްވެތޯ ބަލަން ޖެހޭކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.
އަދި އެކަން އެގޮތަށް މެދުވެރިވާން ޖެހުނު ސަބަބުތައް ދެނެގަތުމަކީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި ރައީސްގެ މޮޓޯކޭޑް ހުއްޓުވާފައިވާ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތަށް ކަމާބެހޭ މުއައްސަސާތަކުން ތަހުގީގުކުރަމުންދާ ގޮތް ކޮމިޓީގެ ފަރާތުން ބަލަމުން ގެންދިއުމަށާއި ރައީސްގެ ސެކިއުރިޓީ ބްރީޗްވެފައި ވޭތޯ ނުވަތަ ނޫންތޯ ދެނެގަނެ އެކަމުގައި އެޅެންހުރި ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އަސްލަމް ވަނީ އެދި ލައްވާފައެވެ.
"މަގުމަތީގައި ހަރަކާތެއް ނުވަތަ ހަމަ ނުޖެހުމެއް ހިނގަމުން ދާ ތަނަކަށް ރައީސުލްޖުމުހުރިއްޔާގެ މޮޓޯކޭޑް ދުއްވާފައި އައިސް ވަނީ ކީއްވެތޯ ކޮމެޓީން ބަލަން ޖެހޭ" ޣައްސާން ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރޭގެ ހާދިސާއަށް ބަލާއިރުވެސް އެފަދަ ކަމެއް ހިނގާނީ ދެ މުއައްސަސާގެ މުއާމަލާތްކުރުން ވަރަށް ބޮޑަށް ހީނަރުވެފައިވާތީކަމަށް ގަބޫލު ކުރެވޭކަމަށެވެ.
އަދި ހިނގަމުން ދިޔަ ހަރަކާތެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް އެފަދައިން ވަނުމަކީ ވަރަށް ހާސްވާން ޖެހޭ ސީރިއަސް މައްސަލައެއްކަމަށާއި އެކަމަކީ ރައީސްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭކަމަކަށްވާއިރު މުއައްސަސާތަކުގެ ޒިންމާއާ ގުޅިގެން ކޮމެޓީން ބަލަން ޖެހޭ ކަންކަން ބެލުން މުހިއްމުކަމަށް ޣައްސާން ވިދާޅުވިއެވެ.