ސްރީލަންކާގެ ހީނަރުވެފައިވާ އިގްތިސާދު ރަނގަޅު ކުރުމަށް 3 ބިލިއަން ޑޮލަރުގެ އެހީއެއް، ބެއިލްއައުޓް ޕްރޮގްރާމްގެ ދަށުން ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑްއިން (އައިއެމްއެފް) ނިންމައިފިއެވެ.
ހަމައެއާއިއެކު، މި އެހީ ފޯރުކޮށްދިނުމަށް ނިންމުމުގެ ސަބަބުން، އިތުރު 7 ބިލިއަން ޑޮލަރުގެ އެހީ އައިއެމްއެފްއިންނާއި އެކިއެކި މާލީ އިދާރާތަކުން ސްރީ ލަންކާއަށް ލިބުމަށް މަގުފަހިވާނެކަމަށް، ސްރީލަންކާގެ ރައީސް ރަނީލް ވިކްރެމެސިންހައާ ހަވާލާދީ އެ ގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
އިންތިހާއަށް މަތީގައި ހުރި އިންފްލޭޝަން ރޭޓާއި، ހުސްވެފައިވާ ރިޒާވާއި، ނުދެއްކި ހުރި ގިނަ އަދަދެއްގެ ދަރަންޏާއި، އަދި ގައުމުގެ މާލީ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން، ސްރީލަންކާގެ އިގްތިސާދާއި މުޖުތަމައު އޮތީ އަޑިގަނޑެއް ތެރޭގައިކަމަށް، އައިއެމްއެފްގެ މެނޭޖިންގެ ޑައިރެކްޓާ ކްރިސްޓަލީނާ ޖޯރޖީވާ ވިދާޅުވިއެވެ. އިދާރީ ހިންގުމާއި ދައުލަތުގެ ގަވައިދުތަކަށް ބަދަލުގެނެސް، އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) ޕްރޮގްރާމްގެ ދަށުން ސްރީ ލަންކާގެ ބަލިކަށި އިގްތިސާދު ރަނގަޅު ކުރެވޭނެކަމަށް ޖޯރޖީވާ ވިދާޅުވިއެވެ.
3 ބިލިއަން ޑޮލަރުގެ އެހީ ލިބުމުގެ ޝަރުތުތަށް ފުރިހަމަކުރުމުގެ ގޮތުން، އިންކަމް ޓެކްސް ނަގާ އަދަދު އިތުރުކޮށް، ކަރަންޓާއި އަދި ތެލުގެ ސަބްސިޑީތައް ދިނުން ސްރީލަންކާގެ ސަރުކާރުން ހުއްޓާލިއެވެ. ދެން ކުރަން އޮތް މަސައްކަތަކީ ގައުމުގެ ދަރަނި ދައްކާނެގޮތާމެދު ސްރީލަންކާއަށް ދަރަންޏަށް ފައިސާ ދިން ފަރާތްތަކާ މަޝްވަރާކުރުމެވެ.
ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ރާޖްޕަކްސާގެ ސަރުކާރުން އުފެއްދި މާލީ، ކާބޯތަކެތީގެ، ތަލުގެ، ބޭސްތަކުގެ، އަދި ކައްކާ ގޭހުގެ ދަތިތަކާއި ހެދި މުޅި ގައުމުގައި ފުޅާކޮށް އިހްތިޖާޖްކުރިއެވެ. ނަތީޖާއެއްގެ ގޮތުން ރާޖްޕަކްސާ އިސްތިއުފާދއްވައި ގައުމު ދޫކުރައްވައި ފިލާވަޑައިގަތުމަށް މަޖުބޫރުވިއެވެ. ނަމަވެސް، ވިކްރެމެސިންހަ ވެރިކަމާއި ހަވާލުވުމުގެ ފަހުން، ދަތިތަކަށް ލުއިތަކެއް ހޯއްދަވައިދެއްވައި، ކޮންމެ ދުވަހަކުވެސް ގަޑިއިރުތަކަށް ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރެއްވިއެވެ.
މާލީ ގޮތުން، ގައުމުގެ ރިޒާވް ރަނގަޅުވެ، އަދި ކަޅު ބާޒާރުގެ ސަބަބުން އެ ޤައުމުގެ ބޭރު ފައިސާގެ އަގަށް ކުރަމުން އައި ނޭދެވޭ އަސަރު ކުޑަކުރެއްވުމަށްވެސް ވިކްރަމަސިންހަ ފިޔަވަޅުތަކެއް ތަންފީޒުކުރެއްވިއެވެ.