ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ އަތްޕުޅުން ށ.ކީކިމިނި އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ މިއަދު ގޮވާލައްވައިފިއެވެ.
ކީކިމިނި ޤާސިމުގެ އަތްޕުޅުން އަތުލުމަށް މުޣުނީ ގޮވައިލެއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްވެރިކަން ތަރައްޤީކުރުމުގައި ހުރި ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން އެ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިންނެވެ.
މުޣުނީ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްވެރިކަން ތަރައްޤީނުކުރެވި އޮތް މައިގަނޑު ސަބަބަކީ ކުރިން ރާއްޖެ ޒޯންތަކަކަށް ބަހައިލާ އެ ޒޯންތަކުގެ މަސްވެރިކަން ކުރިއެރުވުމަށް އެކި ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ނުކޮށް އަތް އުރާލައިގެން ތިބުން ކަމަށެވެ. އެގޮތުން އުތުރަކީ ޚާއްޞަ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދުގެ މަސްވެރިކަން ތަރައްޤީކުރުމަށް ކީކިމިނި ޤާސިމްގެ ކުންފުނި ވިލާގެ ހިއްސާ އޮންނަ ކުންފުންޏަކާ ހަވާލުކޮށް ށ.ކީކިމިނީގައި މަސް ފެކްޓަރީ ޤާއިމުކުރުން އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ.
"ކީކިމިނި ތަރައްޤީނުކޮށް އަދި އެތަނަށް މަސް ނުގަނެވި ދިއުން ކަންބޮޑުވުމަކީ. ކީކިމިންޏަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަންނަވަން އުޅުއްވާ ބޭފުޅެއްގެ ތަނެއް. އެފަދަ ކަންތައްތައް ނުކުރެވި އެހެން ކޮންމެވެސް ކަމެއްގައި މިއުޅުއްވަނީ،" މުޣުނީ ވިދާޅުވިއެވެ.
އިތުރަށް މުޣުނީ ވިދާޅުވީ ކީކިމިނި ޤާސިމް އަތްޕުޅުން އަތުލައި އެތަން ސަރުކާރުން ތަރައްޤީކުރަންޖެހޭ ކަމަށެވެ. "އެހެންކަމުން ވަގުތު ސަލާމަތްކުރުމުގެ ގޮތުން އެތަން [ކީކިމިނި] އަތުލައި އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް މިކަން ކުރަންޖެހޭ،" މުޣުނީ ވިދާޅުވިއެވެ. ޤާސިމް ވެރިކަމަށް ވަޑައިގެންފިނަމަ މި ރަށުގެ އެއްބަސްވުމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރެއްވުމަކީ ވެދާނެ ކަމެއްކަމަށްވެސް މުޣުނީ ތުހުމަތުކުރެއްވިއެވެ.
އިތުރަށް މުޣުނީ ވިދާޅުވީ ޤާސިމަކީ ރާއްޖެއަށް ވަރަށް ގިނަގުނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އެފަދައިން ވިދާޅުވުމާއެކު، މުޣުނީ އެދިވަޑައިގެންފައިވަނީ ކީކިމިނީ މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބު ހޯދުމަށެވެ.
މެންބަރުން މި މައްސަލައާމެދު ވާހަކަދައްކަވަމުން ގެންދަވަނިކޮށް، ޤާސިމްގެ ވިލާ ގުރޫޕުން ހިންގާ ވިލާ ކޮލެޖުވެސް އަތުލަންޖެހޭކަމަށް މުޣުނީ ވިދާޅުވިކަމަށް އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.
މުޣުނީގެ އިތުރަށް މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލު އަޙްމަދު (އިއްސެ)ވަނީ މުޣުނީގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، ކީކިމިނީގެ މަސައްކަތްކުރިއަށްދާ ގޮތާ ގުޅިގެން ވިލާ ކުންފުންޏާއި، ފިޝަރީޒް މިނިސްޓްރީއާއި، މިފްކޯއިން ލިޔުމުން މައުލޫމާތު ސާފުކުރުމަށްވެސް އިއްސެ ދެކެވަޑައިގެންނެވިއެވެ.