Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި ޗައިނާ 9 މީހަކު މަރައިލި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ޝީ ގޮވާލައްވައިފި

ޗައިނާގެ ނުވަ ރައްޔިތެއް ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި ޤަތުލުކުރުމާ ގުޅިގެން އެކަން ކުރި މީހުން ހޯދައި ހަރުކަށި އަދަބު ދިނުމަށް އެ ޤައުމުގެ އިދާރާތަކަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގޮވާލައްވައިފިއެވެ.

ހޯމަދުވަހު ޗައިނާގެ ޚާރިޖީވުޒާރާގެ ތަރުޖަމާނެއް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާގައި އަނިޔާވި މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމާއެކު، ހަމަލާއިން ކުރިމަތިވި ގެއްލުން އެކަށީގެންވާ ގޮތެއްގައި ބެލުމަށާއި، އެ އަނިޔާވެރި އަމަލު ހިންގި މީހުންނަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަރުކަށި އަދަބު ދިނުމަށް ޝީ އިލްތިމާސްކުރައްވާފައިވާ ކަމަށެވެ.

ބަމްބާރީ ނަމަކަށް ކިޔާ އަވަށާ 25 ކިލޯމީޓަރު ދުރުމިނުގައި ގޯލްޑް ކޯސްޓް ގުރޫޕުން ހިންގާ މައިނަކަށް ހަތިޔާރު އެޅި ބަޔަކު ދިން ނުރައްކާތެރި ހަމަލާގައި ޗައިނާގެ 9 މީހަކު މަރާލާފައިވެއެވެ.

އޭއެފްޕީއަށް މައުލޫމާތުދެއްވަމުން ބަމްބާރީގެ މޭޔަރު އަބިލް މަޗިޕާޓާ ވިދާޅުވީ މިހާތަނަށް މަރުވެފައިވާ 9 މީހުންނާއި ޒަޚަމްވި ދެ މީހުން ފެނިފައިވާ ކަމަށެވެ.

ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދުގައި މައިންތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް ވަރަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށެވެ. ބަންގުއި އަދި ވަށައިގެންވާ ސަރަހައްދުގައި އުޅޭ ޗައިނާ މީހުން އެ ސަރަހައްދު ދޫކޮށް ސަލާމަތް ތަނަކަށް ދިއުމަށް އެމްބަސީން އިލްތިމާސްކުރިއެވެ.

އެފުރިކާގައި ހުރި ޗައިނާ ވިޔަފާރިތަކާއި، އެ ބައްރުގައި މަސައްކަތްކުރާ ޗައިނާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާގެ އެމްބަސީތަކާއި ކޮންސިއުލޭޓުތައް ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ޗައިނާގެ ޚާރިޖިއްޔާއިން ދިނެވެ.

ފާއިތުވި ދުވަސްތަކުގައި އެ ޤައުމުން ބޭރުގައި ޗައިނާ މީހުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވުމާއެކު އެމްބަސީތަކުން އަންނަނީ އިންޒާރުތައް ނެރެ ރައްކާތެރިކަމާ ބެހޭ ސަމާލުތައް ޝާއިއުކޮށް މީހުން ރައްކާތެރި ތަންތަނަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ