ހަގީގަތަކީ ވަރަށް ފާޑެއްގެ އެއްޗެއް ދޯއެވެ؟
ހަގީގަތަކީ މިހާތަނަށް ތެދުކަމަށް ހޯދިފައިވާ އަދި އެކަންކަން ތެދުކަމަށް ކަނޑައެޅުމަށް މަގުފަހިވާ ހެކިވެސް ހޯދިފައިވާ އިލްމަށް ބިނާކޮށްގެން އަޅުގަނޑުމެން ދެނެގަންނަ ކަންކަމާއި ކޮންމެ މީހެއްގެ ދިރިއުޅުމުގެ ހަގީގަތްތަކާ ލާމެހިގެން އެމީހެއްގެ އަމިއްލަ މަންޒޫރުން ކަންކަން ފެންނަ ގޮތުގެ ތައުބީރުތަކެވެ. އޭގެ ޒާތުގައި ހަގީގަތަކީ ފުށުއެރުމަށް ފުރުސަތު ދޭންވާވަރުގެ އެއްޗަކަށް ނުވިޔަސް، ގިނަ ފަހަރު ކަން ދިމާވަނީ ދެ މީހަކަށް އެއް ކަމަކާއި މެދު ވިސްނޭ ހަގީގަތް ތަފާތުވެގެންދާ ހާލަތެވެ. މި ބުނިހެން، ހަގީގަތަކީ މީހާގެ ހަޔާތުގައި ދިމާވާ ކަންކަމާއި ގުޅިގެން ކަނޑައެޅޭ ބަޔާންތަކަކަށްވުމުން، އެއްކަމެއްގެ ހަގީގަތް ދެ މީހަކަށް ދެ ގޮތަކަށް ނެގުނަސް ބައެއް ފަހަރު އެ ދެ ގޮތްވެސް ހަގީގަތަށް ވާތަން ފެނެއެވެ. ހަގީގަތުގައިވެސް ވަރަށް ފާޑެއްގެ އެއްޗެކެވެ.
އަފްޒަލް ޝާފިއު މިފަދައިން އާޓީސްޓުން ސިފަކޮށްދިނީ އަޅުގަނޑުގެ އިންޓަވިއުގެ އެންމެ ފަހު ސުވާލުގެ ޖަވާބުގައެވެ. ނަމަވެސް ފުރަތަމަ އަޅުގަނޑު، އަފޫގެ މި ބަސްކޮޅު ހިއްސާ މިކުރީ އާޓިސްޓުން ކުރަހާމީހުންގެ ގޮތުގެ ބަދަލުގައި ތިންކާސް ގޮތަށް ވިސްނައިގެން އަފޫގެ ފޯރތޯޓު އެގްޒިބިޝަންއާއި، އަދި އަފޫގެ ހަޔާތްވެސް ފުރިހަމައަށް ކިޔައިދިނުމުގެ ފަސޭހައަކަށެވެ.
2016 އިން ފެށިގެން 2019 ގެ ދޭތެރޭގައި އަފޫ ކުރެހި، ފޯތޯޓު އެގްޒިބިޝަންއިން ފެނިގެންދާ ކުރެހުންތަކަކީ އުސޫލީ މިންތަކުން ފިކުރު ނެއްޓިގެން، ފަހަނައަޅާގޮސްގެން ދެވޭ ވިސްނުންތަކުގެ ތެރެއިން އުފެދިފައިވާ ކުރެހުންތަކެކެވެ. ސަރިއަލިސަމް، މި މަފުހޫމް މެދުވެރިކޮށް އަފޫގެ ތަޖުރިބާކާރު ވިސްނުމަށް ނަގައިގަނެވުނު މަންޒަރުތަކެވެ. ހުވަފެންތަކާއި، ދެބަދޭތެރޭގައި އަފޫގެ ފެނުން ފުރާލި ހިޔާލީ ހަގީގަތުން ބޭރު ކަންކަމާއި، އަދި ދުނިޔޭގައިވާ ކަންކަން އަފޫއަށް ފެންނަގޮތް އުފެއްދުންތެރި ގޮތަކަށް ފިއްސަކުން ކޭންވަސްއަކަށް ހިއްސާކުރި ކުރެހުންތަކެވެ.
ފޯތޯޓު އެގްޒިބިޝަންގައި އަފޫ ހިއްސާކޮށްފައިވާ ކުރެހުންތަކުން އަޅުގަނޑަށް އެންމެ ފުރަތަމަ އަޅައިގަތީ ގިނަ ކުރެހުންތަކުގައި ދައްކައިދޭ ޑެޕްތު ނުވަތަ ފުންކަމެވެ. އެއީ، އިންތިހާއަށް ދުރަށް ކުރެހުމުން ފެންނަ މަންޒަރު ދިގުދެމިގެންދާ ދިއުމެވެ. ކުރެހުމަށް އެ ފުންކަން ގެންނަނީ ގަސްތުގައި ތޯ، ނުވަތަ ކުރަހަން އިންނަ ވަގުތުގައި އެ ފުންކަން އުފެދެނީ ތޯ ސުވާލު ކުރުމުން އަފޫގެ ކުރެހުމުގެ މަރުހަލާ ސާފުކޮށްދިނެވެ.
އަފޫއަށް ކުރެހުމަކީ ދަތުރެކެވެ. ފުރަތަމަ ސިކުނޑިއަށް އަންނަ ހިޔާލަކުން، ނުވަތަ ދުވަސްތަކެއްމަތިން ފައްކާވަމުން އަންނަ ހިޔާލުތަކަކުން އަފޫ ފަށައިގަންނައިރު ނިމޭގޮތެއް ނުފެނެއެވެ. ނަމަވެސް އެއް ކުރެހުމުގައި ހޭދަ ކުރާ ވަގުތުގެ ސަބަބުން، މުޅި ކުރެހުމުގެ ފަށަލަތައް މަޑުމަޑުން ފާޅުވެ، ދަތުރުގެ ތެރެއިން ކުރެހުން ފުރިހަމަވެގެންދެއެވެ. މިސާލަކަށް، "ދަ ސައިރަންސް ކޯލް" ކުރެހުމުގައި ތިން މަހާއި ބައި ހޭދަވީ ހަމަ މިހެންވެއެވެ.
އެ ކުރެހުމުގެ ދަތުރުގައި ތިންމަސް ފާއިތުވެ، އެ ތިން މަސް ތެރެއިން ހެނދުނު މެންދުރަށް ބަދަލުވެ، ހަވީރު ރޭގަނޑަށް އަދި ރޭގަނޑު މެންދަމަށް މި ދުނިޔޭގައި ބަދަލުވިފަދައިން، ކުރެހުމުގައި ދައްކައިދޭ ދުނިޔޭގެ ގަޑިވެސް އައީ ބަދަކުރަމުންކަމަށް އަފޫ ބުންޏެވެ. ވަރަށްވެސް އާދަޔާހިލާފު ކުރެހުމެކެވެ. ދަ ސައިރަންސް ކޯލް ތަސްވީރުގެ ތިރީގައިވާ، ބަލާބެލުމަށް ކައިރިން ފެންނަ ފެންގަނޑުވެސް ފުރަތަމަ އޮތީ ތިލަކޮށްނެވެ. ނަމަވެސް، އެ ކުރެހުމުން ފެންނަ، ފަރެއްގެ ފަރުމާއަށް ބިނާވެފައިވާ ސޫރަތަކާއި، އެ ސޫރަތައް އުފެދިފައިވާ ފަރުގެ ބައްޓަން ގިރަމުން ގިރަމުން އައިސް، ކުރެހުން ނިމުނު އިރު ފެންގަނޑު އޮތީ ތަސްވީރުގެ އެންމެ ކައިރިއަށް ބީއްސާލާ، ކުރެހުން ފެށުނު އިރު އެތަނުގައި އޮތް ފަރުގެ ބައި އެއްކޮށް ގިރާ ހުސްކޮށްލާފައެވެ.
"ދަ ސައިރަންސް ކޯލް"، "އަ ޕެއިންފުލް ޓޫން އޮފް އެންޑްލެސް ސޮރޯ"، "ސެލްފް ޕޯޓްރެއިޓް ވިތު ޑައުބްޓް ކްލައުޑް އެންޑް ޓްވިން މައުންޓެއިން" އަދި، މުޅި އެގްޒިބިޝަނުންވެސް އަޅުގަނޑަށް އެންމެ ކަމުދިޔަ "ކޮންސްޕިރޭޓާސް އެންޑް ދަ ޑިފީޓް އޮފް ދަ ފްރީ ސްޕިރިޓް"، މި ހަތަރު ކުރެހުންތަކަކީ އަފޫއަށް ފެނުނު ހުވަފެންތަކަކާއި، އަދި ދެބަދޭތެރެއަށް ދިޔަ ހިނދުކޮޅުތަކުގެ ތެރެއިން އަފޫއަށް ފެނުނު ހިޔާލުތަކަކަށް ބިނާކޮށް އުފެދުނު ކުރެހުންތަކެއްކަން އަފޫ ކިޔައިދިނެވެ.
ހަފްތާއެއްތެރެއިން ހުވަފެންތަކުން ފެންނަ އެއްޗެހި، ހަމަބިމަށް އަފޫގެ ހޭވެރިކަން އައިސް ގާތްގަނޑަކަށް ވިހި ވަރަކަށް ސިކުންތު ތެރޭގައި ފެނުނު މަންޒަރުތަކުގެ ބޮޑު ބައެއް ހަނދާނުން ފޭދިގެން ދިއުމުގެ ކުރިން، ނިދާއިރު އަފޫ ކައިރީގައި ބާއްވާ ނޯޓުފޮތުގައި އަވަސް ސްކެޗެއް ކޮށްލައެވެ. އަފޫ ހިއްސާކުރި ގޮތުގައި އެ މަންޒަރުތައް އޭގެ ޒާތުގައި ރައްކާ ކުރެވޭނެ އެންމެ ސާފުކޮށް ރައްކާ ކުރުމުގެ މަގްސަދުގައި، އަފޫގެ ނޯޓުފޮތުގައި އެ މަންޒަރުތައް ސްކެޗް ކުރަނީ ލޯވެސް މަރައިގެންނެވެ. އެ ހަތަރު ކުރެހުމަކީ މިފަދައިން، ތަފާތު ހުވަފެންތަކުންނާއި، ދެބަދޭތެރެއިން ފެނުނު އެކި ހިޔާލުތައް ގުޅުވައިގެން އެކުލަވާލައިފައިވާ ކުރެހުންތަކެކެވެ.
ސަރިއަލިސަމް ސްޓައިލް މެދުވެރިކޮށް އަފޫ ކުރެހި ކުރެހުންތަކަކީ ހަމައެކަނި ހުވަފެންތަކުން އުފަންވި ކުރެހުންތަކެއް ނޫނެވެ. އަފޫގެ ހަޔާތުގައި ދިމާވާ އެކިއެކި ހާދިސާތަކުން މީހާ ބޮލު ތެރޭގައި އުފެދޭ ގިނަ ސުވާލުތަަކާއި ހިޔާލުތަކަަށް، މަންޒަރަކާއި ދިރުމެއް ދިނުމުގެ އިތުރުން، ބައެއް ކުރެހުންތަކުގައި ދުނިޔަވީ ކަންކަން އޭނާއަށް މާނަކުރެވޭ ގޮތް އެކުލެވިގެންވެއެވެ.
އަޅުގަނޑަށް ދެން އެންމެ އަޅައިގަތް ކުރެހުން، "ދަ ސަވައިވަލް މާޗްއާއި" ބެހޭގޮތުން ގިނަ ސުވާލުތަކެއް އުފެދުނެވެ. ކުރެހުމުގެ ކަނާތް ފަރާތުގައި އޮތް ކަނޑުން އެއްގަމަށް އަރަމުން އަންނަ، އިންސާނީ ސިފައެއް ހުރި ފައިތަކެއްލީ ބޮޑު މަސްތަކާއި، އޭގެ ފަހަތުގައި ވާތް ފަރާތަށް އޮތް ސިނާއީ ސަރަހައްދާއި، އަދި ކުޑަކުޑަކޮށް މާދުރުން ކުރެހުމުގެ މެދުން ފެންނަ ތެޔޮ ނަގާ ޕްލެޓްފޯމުތަކާއ މެދު އޮތް ގުޅުމަކީ، ޒަމާނުއްސުރެ އަހަރުމެން އިންސާނުންގެ ކަނޑު ތަޣައްޔަރު ކުރުމާއި ބެހޭ މަންޒަރެއްކަން އަފޫ ކިޔައިދިނެވެ.
އިންސާނާގެ އަސްލަކީ ފެންކަމަށްވާއިރު، ދުނިޔޭގެ ފެނުގެ ބޮޑު ބަޔަކީ ކަނޑުތަކެވެ. ހަމައެހެންމެ، ކަނޑަކީ އަޅުގަނޑުމެންގެ ދިރުއުޅުމާއި، އަދި ދިރުހުރުމާއި ގުޅިލާމެހިފައިވާ ގުދުރަތީ އެއްޗެކެވެ. ނަމަވެސް، ދަރަހަތަކެއް ވަންދެން މި ބިޔަ ކަނޑަށް ކުނި އަޅާ، އެކި ގޮތްގޮތުން ގެއްލުން ދިނުމުގެ ސަބަބުން ކަނޑުގެ ދިރުމަށް ކެތްނުވެގެން އެއްގަން ހިސާރުކުރަން އަރާ މަންޒަރު، ހިޔާލީ ގޮތަކަށް އަފޫ ދައްކައިދިނީ ހަމައެކަނި އެ ކުރެހުން ބަލާލައި، ރީތިވެ، ފަހުން އެކަން ހަނދާން ނައްތާލާކަށް ނޫނެވެ. ހިޔާލީވިޔަސް، އެ ކުރެހުމުގައި އެކުލެވޭ ފުންމާނައަށް އަބަދުވެސް ވިސްނާލަން އަޅުގަނޑުމެން އެންމެން ޖެހެއެވެ. ސަބަބަކީ، އަޅުގަނޑުމެންގެ ކަނޑު ސާފުކޮށް ބަހައްޓަން ދެން ތިބީ ވަކި ކޮންބައެއްހެއްޔެވެ؟
ކޮވިޑް-19 ގެ އާލަމީ ވަބައިގެ ސަބަބުން މުޅި ދުނިޔެއަށް، އަދި އިންސާނުންގެ ދިރިއުޅުމަށާއި، އިހުސާސްތަކަށާއި، އަދި ޖަނަވާރުންނަށްވެސް އޭގެ އަސަރުކުރިއެވެ. އެތައްއަހަރުތަކެއް ވަންދެން ގިނަ ޖަނަވާރުންނަށާއި، ދޫނި ސޫއްޕާއިސޫތްޕަށް އިންސާނުންނާއި ހެދި ފުރިހަމަ ދިރުއުޅުމެއް އުޅުމަށް ކުރިމަތިވި ގިނަ ހުރަސްތައް ކުއްލިއަކަށް ފިލައިދިޔުމުން، އެ އެއްޗެހި މިނިވަންކަމުގެ ފުން ނޭވާއެއްލާ ދިރިއުޅުން، ހިނދުކޮޅަކަށް ނަމަވެސް ބަދުލުކޮށްލިއެވެ. ނަމަވެސް އިންސާނުން ކުރިމަތިލީ ފިއްތުންތަކެކެވެ. ބަންދެކެވެ.
އަފޫގެ ހަޔާތުގައި ކޮށްފައިވާ މަސައްކަތްތައް ދިރާސާކުރުމުގެ ތެރޭގައި ފާހަގަވީ، ފޯތޯޓު އެގްޒިބިޝަންގައި ދައްކާފައިހުރި ކުރެހުންތަކާއި ވަރަށް ތަފާތު ކުރެހުންތަކެކެވެ. "އެބްސްޓްރެކްޓް" ކުރެހުންތަކެކެވެ. ފޯތޯޓު އެގްޒިބިޝަންގައި ފެންނަ ކުރެހުންތައް ކިތަންމެ ހަގީގަތާއި ތަފާތުވިޔަސް، ސާފު ސޫރަތަކެއް، މަންޒަރުތަކެއް، ތިމާވެށްޓެއް، އަދި އެކި ތަކެތި ފެނެއެވެ. ކޮންމެވެސް ބައްޓަމަކަށް ފަރުމާކޮށް ކުރަހާފައިވާ ކުރެހުންތަކެކެވެ. ނަމަވެސް، އަޅުގަނޑަށް ފެނުނު އެބްސްޓްރެކްޓް ކުރެހުންތައް އިންތިހާއަށް ތަފާތެވެ. ބައްޓަމެއް ނެތް ސޫރަތަކަކާއި މަންޒަރުތަކެއް ނުފެނުނަސް އެހާމެ ރީއްޗެވެ. އަދި އެއިން ދޭހަވަނީ ކޮން މާނައެއްކަން ދެނެގަންނަން މާ ފުންކޮށް ވިސްނާލަންވެސް މަޑުކޮށްލެވުނެވެ. އެހާ ބޮޑު ތަފާތެއް އަފޫގެ ސްޓައިލްއަށް އައި ސަބަބުގައިވެސް އެހާ ފުންމާނައެއް އެކުލެވެއެވެ.
ފުރަބަންދުގެ ތެރޭގައި އަފޫގެ ސިކުނޑީގައި ފެށި ދަތުރަކީ، އަމިއްލަ މީހާއާއި ދުނިޔެއާއި އޮތް ގުޅުމާއި މެދު ވިސްނުމުގެ ދަތުރެވެ. އެ ދުވަސްކޮޅުގައި ދުނިޔޭގެ ގިނަ ބައެއްގެ ހިތްތަކުގައި ހުރި ހަލަބޮލިކަމާއި، ނުތަނަވަސްކަން އަފޫއަށް އިހްސާސްކުރެވިގެން އެފުދުނީ "ކޭއޯސް އެންޑް ކޮންޓްރޯލް" ދައްކައިދޭ ކުރެހުންތަކެކެވެ.
ބޮލު ތެރެއަށް ވެރިވެގަންނަ ހަމަނުޖެހުންގަނޑު އުޅެލަން އަފޫ ދޫކޮށްލަނީއެވެ. އިނގިލިތަކަށް ފިހި ހެޔޮވަރުކޮށްލާ، ކުލަކޮޅެއް ޖައްސާލާ ކެންވަސް ކައިރިއަށް ފިހި ގެންގޮސް، ދެން އަތުގެ ހިއްސު ދެނީ ބޮލު ތެރޭގައި ދައުރުވާ ހަމަނުޖެހުމަށެވެ. ކޭއޯސްއަށެވެ. އެ ނުތަނަވަސް ބޮނޑިވަރު ބޮލުގެ ތެރޭގައި އުފައްދާ ހިޔާލުތައް ކެންވަސްއަށް ބޭރުކުރަން އަފޫ ދޫކޮށްލައެވެ. އަޅުގަނޑަށް ސިފަވަނީ މެޑިޑޭޓް ކުރާ ގޮތަކަށެވެ. ނަމަވެސް، ވަކި ހިސާބަކަށް ދިއުމުން، ކުރެހުން އަމިއްލައަށް އަފޫ ކައިރީގައި ބުނަންދެން، ބޭނުން ކުލައަކުން ބޭނުން ގޮތަކަށް ޖައްސަން ދޫކޮށްލުމަށްފަހުގައި ފަށަނީ ކޮންޓްރޯލްއެވެ. ހަމަނުޖެހުން ހަމަޖެއްސުމެވެ. ކެންވަސްގައި ވާ ކޭއޯސްގަނޑު ފުރިހަމަކޮށްލަނީ ހަމަޖެހިލައިގެން، އަފޫގެ އަމިއްލަ ބާރުންނެވެ.
އެކައްޗަކާއި ނުލައި އަނެކަތި ފުރިހަމަ ނުވެއެވެ. ކޭއޯސް އެންޑް ކޮންޓްރޯލްއިން އަފޫ ސިފަކޮށްދިނީ މިކަމެވެ. ހިތާމަވެރިކަން ނުލައި އުފާވެރިކަމުގައި އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އެފަދައިން، ހަލަބޮލިކަން ވެރިވެގަންނަ ހިނދު އެ ބާރުގަނޑުވެސް އުޅެލަން ދީ، އޭތި ބުނާ އެއްޗަކަށް ކަންފަތް ދީ، ކުރަހަން ބޭނުން އެއްޗެއް ކުރަހަން ދިނުމަށް ފަހުގައި، ދެން އަމިއްލަ މީހާގެ ބާރުން އެ ހަލަބޮލިކަމަށް އަމާންކަމެއް ގެނައުމަކީ އަފޫގެ ކޭއޯސް އެންޑް ކޮންޓްރޯލް ކުރެހުންތަކުގެ އެއް މަގްސަދުކަމަށް އަފޫ ކިޔައިދިނެވެ..
އިތުރަށް އެ ކުރެހުންތަކުގެ ވާހަކައިގެ ތެރެއިން އަފޫ ހިއްސާކުރި އެއް ވާހަކައަކީ ދިވެހި ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ސަމާލުކަން ކުޑަކަމުގެ ވާހަކައެވެ. ކުރިއާއި ބަލާއިރު މިހާރު އެކިއެކި އިދާރާތަކާއި، ޖަމުއިއްޔާތައް ގާއިމްކޮށްފައިވިޔަސް، ރާއްޖޭގެ ގިނަ ގޭބިސީތަކުގެ ތެރޭގައި މި ކަމަކީ ބޭކާރު ކޮށްލާފައިވާކަމެއްކަމަށް އަފޫ ބުންޏެވެ. ސައިކޮތެރަޕީ ފަދަ، ދުޅަހެޔޮ ސިކުނޑިއަކަށް ބޭނުންވާ ފަރުވާ ހޯދައި، ފަރުވާ ދިނުމުގެ މުހިއްމުކަމަކީ، އަދި ބައެއް ހާލަތްތަކުގައި ލާޒިމުވާކަން، ގިނަ އާއިލާތަކަކުން އަދިވެސް ގަބޫލްނުކުރާކަމެއްކަމަށް ބުންޏެވެ. ނަމަވެސް، އެފަދަ ފަރުވާ ހޯދުމުގެ މުހިއްމުކަން ސިފަކުރަމުން އަފޫ އިޝާރާތްކުރީ އަހަރުމުން އެންމެންވެސް އެކިއެކި ބަލިތަކަށް ފަރުވާ ހޯދަން ޑޮކްޓަރަށް ދާ ދިއުމަށެވެ. އަތް ފައި ބިނދި، ނުވަތަ ތަނެއް ފިހިގެން ޑޮކްޓަރަށް ގޮސް ފަރުވާ ލިބިގަންނަ ހާލުގައި، އަހަރުމެންގެ އެންމެ މުހިއްމު ގުނަވަން، ސިކުނޑިއަށް ލިބޭ ގެއްލުމަށް ފަރުވާ ހޯދުން އެހާ ބޭކާރުކަމަކަށް ވެފައި އޮތުމަކީ ވަރަށް ދެރަކަމެއް ކަމަށް އޭނާ ބުންޏެވެ. އެއް ޖީލުން އަނެއް ޖީލަށް ވާރުތަވާ ނަފްސާނީ ބަލިތަކަށް ފަރުވާ ނުލިބި ހުރުމުން މުޖުތަމައުއަށާއި އަދި އަމިއްލަ މީހާއަށްވެސް ކުރާ ނޭދެވޭ އަސަރު ހުއްޓުވުމުގެ މުހިއްމުކަމަށް އަލި އަޅުވާލާ، އެކަން ހުއްޓުވުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އަފޫ ބުންޏެވެ. ކޭއޯސް އެންޑް ކޮންޓްރޯލް ކުރެހުންތަކުގައި ސިކުނޑީގެ ހަމަހަމަކަން ފެނިގެންދެއެވެ. ދެއެތިވެސް އެއް ހަމައެއްގައި ވުޖޫދުވެއެވެ.
ދެ ވީލްބަރޯގެ ކޮޅު އެކަތި އަނެކައްޗާ އެކީ ގުޅުވާފައި، އެއް ފޮރޮޅެއް އެ ދެއެތި ހިއްސާކުރަން މަޖުބޫރުކޮށްފައި، އެކަކު އުޅެގެން ވީލްބަރޯއެއްގެ މަގްސަދު ހާސިލް ނުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ސްކަލްޕްޗާއެކެވެ. ކުޑަ ވިދުމެއް ހުރި ވީލްބަރޯތަކުގެ ތެރޭގައި ރީނދޫ ކުލައިގެ، ޕީޗް، ކަޅު، އަދި މުށި ކުލައިގެ ޕެބަލްސްތަކެއް އަޅާފައި ހުށްޓެވެ. ނަސްލީ ތަފާތުކުރުމާއި ގުޅިގެން ހަދާފައިވާ އެ ސްކަލްޕްޗާ "ގެންދަންޏާ ޖެހޭނީ ދެމީހުން އެއްކޮށް ހިފަން. ދެމީހުން ހިފައިގެން އެއް ގަލަކަށް އަރައިގެން އެއެތި އެއް ކޮޅަަކަށް ގެންދެވޭނީ"، އެ ސްކަލްޕްޗާގެ މާނަ ވަރަށް ސާފުކޮށް އަފޫ ކިޔައިދިނެވެ.
ނަމަވެސް، ނަސްލީ ތަފާތުކުރުމުގެ މަޝްވަރާގައި ބޮޑަށް ސަމާލުކަން ދީފައި އޮންނަނީ ހުޅަނގުގެ ގައުމުތަކުގައި އުޅޭ މީހުންނަށްކަމަށް ބުންޏެވެ. "އަހަރުމެންނަކީ ބްރައުން މީހުންނާއި ޔެލޯ މީހުން، އޭގެތެރޭގައި އަހަރުމެންގެ ވާހަކަ ނުވެސް އާދޭ، އެކަމު އަހަރުންވެސް މީ ވަރަށް ކޭޕަބަލް މީހުންހަމަ"، އަފޫގެ ހަޔާތް އެކަމަށް ހެކިދޭކަން އެއީ ޝައްކެއްއޮތްކަމެއް ނޫނެވެ. އިނގިރޭސިވިލާތުގައި ނަމަވެސް، އަދި ލަންކާގައި ނަމަވެސް އަފޫ ކުރިން ބުނިހެން، "ތިންކާއެއްގެ" ހައިސިއްޔަތުން ދުނިޔެ ދެކެންޏާ ދިމާވާ ބުރަކަންކަމާއި ގޮންޖެހުންތަކުން އަރައިގަތުމުގެ "ފޯތޯޓު" އަށަގަނެވުން ގާތެވެ.
ދަ ސަވައިވަލް މާޗްގައި ދައްކައިދޭ، އިންސާނުން ކަނޑު ތަޣައްޔަރުކުރުމުގެ ސަބަބުން އެއްގަން ހިސާރުކުރުމަށް އަރާ ދިރުންތަކާއި ފަހަތުގައިއިން އުޑުގެ ގަދަނޫކުލައާއި، ފެހި ކުލައާއި، މަޑު ނޫކުލައިގެ ދަށުން ފެށޭ ޖަންބު ކުލައިގެ ތެރެއަށް އުދުއްސައިގަނެވުނުގޮތަށް، އަފޫގެ ސްކަލްޕްޗާ "ވޯޓާ ހޯލް" ފެނުމުން އެއިގެ ތެރެއަށް ފުންކޮށް ވިސްނާލީމެވެ. އޭގައި ހުރި މުށިން ހަދާފައިވާ ގިނަ ޖަނަވާރުތައް ކަށްޓަށްވެ، ޗަކަ ގަނޑުގެ ތެރޭގައި ހިތާމަވެރިކޮށް މަރުވެެފައި އެތިބީ ފެނުން މަހުރޫމްވުމުންކަން އަފޫ ކިޔައިދިނެވެ. އެތެެރެއަށް ކެނޑިގެން، މަތީ ފަށަލައާއި އެއްފަދައިން އަނަރޫފަވެފައިވާ ކަށިތައް ވަށައިގެން ބެހެއްޓޭގޮތަށް އިތުރު ދެ ފަށަލަތައެއް ހަދާފަައި ވޯޓާ ހޯލްގައި ހުށްޓެވެ. ފެން ނުލިބިގެން ދުނިޔޭގެ ހަނަފަސް ސަރަހައްދުތަކުގައި އުފެދޭ ޑްރައުޓް ހެދިފައިވާ ހިސާބެއް ފަދައިންނެވެ.
މި ލިޔުމުގައި އަޅުގަނޑު ތަފްސީލްކުރަން މަސައްކަތް ކޮށްފައިވާ ހުނަރާއި، އުފެއްދުންތެރިކަން ހާސިލް ކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ކޮބައިތޯ، އިންޓަވިއުގެ ނިމުމާއި ގާތްކޮށް އަހާލީމެވެ. ކުރިންވެސް ބުނިހެން، ކަންކަމާއި ދޭތެރޭ ފުންކޮށް ވިސްނުމުގެ ތެރެއިން އުފެދޭ އާޓް ވަރަށްވެސް ފުރިހަމަވެ، ފައްކާވާނެއެވެ. ނަމަވެސް ވިސްނުމާއި، ކުރުމާއި ވަރަށް ތަފާތެވެ. މާހިރުންގެ ދޮރާށީގައި ޓަކި ޖަހާލަން އިޚުތިޔާރުކުރާ އާޓިސްޓުންނަށް، އެކަން ހާސިލުކުރެވޭނެ އެންމެ ފުރިހަމަ ގޮތްކަމަށް އަފޫ ގަބޫލުކުރާ ގޮތަކީ ކުރެހުމުގައި ޑިސިޕްލިންވުމާއި، އަދި ކުރާ މަސައްކަތަށް އިހުތިރާމްކުރުމެވެ. ކޮންމެ ދުވަހަކުވެސް، ފަނަރަވަރަކަށް މިނެޓަށް ވިޔަސް އެކަމާއި އުޅުމެވެ. އަމަލީގޮތުން މަސައްކަތުގެ އަހުލާގު ދަމަހަށްޓަން ދަސްކޮށް، އެ ކުރާ މަސައްކަތަކީ ކިހާ މުހިންމު އެއްޗެކަން ގަބޫލުކުރުމެވެ.
ޑިސިޕްލިންވުމުގެ ސަބަބުން އުފެއްދުންތެރިކަމަށާއި އަދި ހުނަރަށް އަންނަ ހަލުވި ކުރިއެރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، ހިނިތުންވުމާއިއެކީ އަފޫ ކިޔައިދިނީ މަރީ ހަލީމްގެ ސިފަތަކެވެ. އަފޫގެ ލޯބިވާ އަނބިމީހާއެވެ.. އާއިލާއެވެ. މަރީގެ ޗާލު، ޗާރާ ކުލަތަކުން ފުރިފައިވާ އެކި ޒާތުގެ މާމެލާމެލީގެއާއި، އެކި މޭވާތަކާއި ގަސްތަކުގެ ކުރެހުންތަކަކީ، ޑިސިޕްލިން ވުމުގައި އަފޫއަށް ވުރެންވެސް ބޮޑަށް މަރީގެ ހަށީގައި އެ އާދަ އަށަގަނެވިފައިވުމުގެ ހެކިކަމަށް އަފޫ ބުންޏެވެ.
އެކުގައި ދިރިއުޅުން ހޭދަކުރަނީ ދެމީހުންވެސް އެކަކު އަނެކަކުގެ ކިބައިން ހަކަތައާއި، ކްރިއޭޓިިވިޓީ ލިބިގަނެ، އެއްބާރުލުންދޭ މާހައުލެއްގައިކަމަށް އަފޫ ބުންޏެވެ. މަރީގެ ކިބައިން ފެނުނު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންތިހާއަށް ކުރެހުމުގެ ހުނަރު ކުރިއެރުވުމުގެ ފަހަތުގައިވަނީ އެ ޑިސިޕްލިންކަމަށް ބުނުމުގެ އިތުރަށް، އެކަމަކީ އަފޫގެ އަމިއްލަ ހުނަރު ކުރިއެރުވުމަށް ސީދާ އަސަރުކުރާ ކަމެއްކަމަށް ކިޔައިދިނެވެ.
ފޯތޯޓު އެގްޒިބިޝަންއަކީ އަފޫގެ ހަޔާތުގެ ވަރަށް މުހިންމު މިީހަކަށް ހާއްސަކޮށް، އޭނާގެ ހަނދާނުގައި ބޭއްވި އެގްޒިބިޝަންއެކެވެ. އެއީ އަފޫގެ ދޮންބެ، މުހައްމަދު ޝާފިއުއެވެ. އަބަދުވެސް ވަރަށް ދީލަތި، ހިތްހެޔޮ، ރަނގަޅު މީހެއްގެ ގޮތުގައި ސިފަކުރި އަފޫގެ ދޮންބެ، ލަންކާގައި ދިރުއުޅުނު ދުވަސް ކޮޅު ޒިޔާރަތް ކުރަން އައިސް، އަފޫ ކުރަހާތަން ބަލަން ހަމަހިމޭންކަންމަތީގައި ހުންނަ ވާހަކަ އަފޫ ކިޔައިދިނެވެ. ދޮންބެގެ ފަރާތުން އަފޫއަށް ލިބުނު އުފަލާއި، އަދި ހިތްވަރުގެ ވާހަކަ ހިއްސާކުރިއެވެ. އަފޫގެ ކުރެހުންތަކާއި ދޮންބެ ވަރަށް ގަޔާވިކަމަށް ބުންޏެވެ. ނިދީގެ އާމާންކަމުގައި އޮއްވާ ނިޔާވީ، އެތައްހާސް ހަނދާންތަކަކާއި، ފިލާވަޅާއި ނަސޭހަތާއި، އުފާވެރިކަން ދޮންބެގެ ގާތް މީހުންނަށް ނުދީއެއް ނޫނެވެ. ނަމަވެސް، ގާތްކޮށް އުޅުނު މީހުންނަށް ހަޔާތުގެ ބާކީ ދުވަސްތަކުގައި ދިމާވާ ކަންކަމުން އަރައިގަތުމަަށާއި، އުފާވާ ވަގުތުގައި އުފާވުމަށާއި އަދި ހިތާމަވެރިވާ ވަގުތުގައި ހިތާމަކުރުމުގެ ހިތްވަރާއި އަޒުމުގެ މިސާލެއް ދައްކައިދީފައެވެ. އަޅުގަނޑަށް މުހައްމަދު ޝާފިއު ނޭނގުނަސް އަފޫ ކިޔައިދިންގޮތުން ސިފަވަނީ ވަރުގަދަ، ހިތްހެތޮ ޝަހްސިއްޔަތެއްގެ ގޮތުގައެވެ.
އޭޕްރީލް ހަތާވީސްގެ ނިޔަލަސް ދިގުދެމިގެންދާ އަފްޒަލް ޝާފިއުގެ ފޯތޯޓު އެގްޒިބިޝަންއަކީ އަފޫ ބާއްވާނެ ހަމައެކަނި އެގްޒިބިޝަންއެއްނޫންކަން އިންޓަވިއު ނިންމާލަމުން އަފޫ ޔަގީންކޮށްދިނެވެ. ގާގްގަނޑަކަށް ގަޑިއިރެއްހާއިރު އެކިއެކި މައުލޫތަކާއި މެދު ކުރެވުނު މަޝްވަރާއިން އަޅުގަނޑަށްވެސް ވިސްނަން، ފިކުރުކުރަން އައު ކަންކަތަކެއް ދަސްވިއެވެ. ފެންނަ ހިނދުކޮޅުގައި އޭގައިވާ ކުލަތަކަށާއި، ފެންނަ މަންޒަރަށް ދަމައިގަންނަ ކުރެހުންތައް ބަލާލަން، ގެލެރީ 350 އަށް ޒިޔާރަށްކޮށްލުމަކީ، މިހާތަނަށް އެތަން ބަލާލަން ދިޔަ، އަޅުގަނޑު ދަންނަ އެންމެންވެސް އެދުނު ކަމެކެވެ.
ރާއްޖޭގައި އާޓް ކުރިއެރުވުމުގެ މަސަައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ފައިން އާޓް މޯލްޑިވްސް އިން ހިންގާ ގެލެރީ 350 ގެ މާހައުލު ވަރަށް ހިތްގައިމެވެ. ފޯތޯޓުއަކީ އެ މަޑުމައިތިރި، ހެޔޮވަރުވަރަކަށް އަލިކަން ހުރި ގެލެރީގައި ބޭއްވި ދެވަނަ އެގިޒިބިޝަންކަމަށް ވިޔަސް، މުސްތަގުބަލުގައި އިތުރު ހުނަރުވެރި އުފެއްދުންތެރިންގެ އާޓް ދައްކާނެކަން ޔަގީނެވެ. އެންޖީއޯއެއްގެ ގޮތުގައި ހިންގާ ފައިން އާޓްސްގެ މަަސައްކަތަކީ، ރާއްޖޭގެ ކްރިއޭޓިވްސްއަށް އޮތް ބޮޑު އެހީއަކާއި، އެއްބާރުލުމެއްކަމަކީ ޝައްކެއް އޮތްކަމެއްނޫނެވެ.