އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓުކަން ދެއްވަފާނެކަމުގެ އިޝާރާތެއް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް ދެއްވައިފިއެވެ.
ޤާސިމް މިއަދުވަނީ އެމްއާރުއެމްގެ މުސްތަޝާރު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޕާޓީ އެމްއާރުއެމްގެ ރައީސް ފާރިސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ފާރިސް މައުމޫނަކީ ރަނިންމޭޓުކަމަށް ވަރަށް ޤާބިލު އެކަށީގެންވާ ބޭފުޅެއް ކަމަށެވެ. ޤާސިމް މިފަދައިން ވިދާޅުވިއިރު ރިޔާސީ އިންތިޚާބާ ގުޅިގެން ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ އެ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބަށް ނިކުތުމަށެވެ.
މިހާތަނަށް އެމްއާރުއެމުން ރިޔާސީ އިންތިޚާބުގައި އަމަލުކުރާނެ ވަކި ގޮތެއް ނިންމާފައިނުވި ނަމަވެސް އެ ޕާޓީން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކޯލިޝަން ހެދުމާމެދު މަޝްވަރާކުރަމުންނެވެ.
މިއަދު ޤާސިމާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމްއާރުއެމުން ގޮތެއް ނިންމާނީ ކޮންމެ ކަމެއްގެ ވަގުތުގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.
އަދި ޕީޕީއެމްއާއެކު ކޯލިޝަނެއް ހެދުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެމްއާރުއެމުން ކޯލިޝަނާމެދު ޕާޓީތަކާއެކު މަޝްވަރާކުރަމުން އަންނައިރު، ރައީސް އިބްރާހީމުގެ އަރިސް ބައެއް ބޭފުޅުންގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުވަނީ އެމްއާރުއެމުން ހުށަހަޅާ ކަންކަމަށް އެއްބަސްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.