Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ފުލުހުންގެ ބެކްރައުންޑް ޗެކު ހެދުމަށް ބޭނުންވާ ޕޮލިގްރާފް ހެދުން އިހުތިޔާރީކުރަން ފާސްކޮށްފި

ފުލުހުންގެ ހިދުމަތަށް އަލަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު ހެދުމަށް ބޭނުންވާ ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދާ ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގައި، ބެކްރައުންޑް ޗެކުކުރުމަށް ކުރަން ޖެހޭ ކަންކަން އިހުތިޔާރީ ކަމެއްގެ ގޮތަށް ދޭހަވާ ގޮތަކަށް އެ މާއްދާއަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު އައްޔަންކުރުމުގެ ކުރިން، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މީހެއްގެ ބެކްރައުންޑް ޗެކުކުރަން ޖެހެއެވެ. އެގޮތުން، ބެކްރައުންޑް ޗެކުކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ ބެކްރައުންޑު އެނަލިސިސްއެއް ހެދުމާއި ޕޮލިގްރާފީ ޓެސްޓު ހެދުމާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެން ގޮތެއް މެދުވެރިކޮށް ފެންވަރު ބެލުމާއި ބެކްރައުންޑް ޗެކުކުރުމެވެ.

މަޖިލީހުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއަށް ފަހު އެ ބިލު ދިރާސާކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. ބެކްރައުންޑް ޗެކު ހެދުން އިހްތިޔާރީވާ އިސްލާހާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ އެއީ އެއްވެސް ހާލަތެއްގައި ފުލުހުންގެ ވަޒީފާއަށް ވައްދާ ފަރާތްތަކަށް ބެކްރައުންޑް ޗެކު ހެދުން ލާޒިމުނުވާ ގޮތް ހަދަން ހުށަހެޅި އިސްލާހެއް ނޫންކަމަށާއި އެ އިސްލާހުގެ ބޭނުމަކީ އެ މާއްދާއިން ލާޒިމުކުރާ ބެކްރައުންޑް ޗެކު ހެދުމަށް ފުރިހަމަކުރަން ޖެހޭ ކަމަށް އެ މާއްދާއިން ލާޒިމުކުރާ ވަކިވަކި ކަންކަމުގެ ތެރޭގައި ޕޮލިގްރާފް ހެދުމަށް އޮތް އޮތުން އިސްލާހުކޮށް، އެ ކަމަކީ ވަކި ހާލަތެއްގައި ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށް ކަނޑައެޅުން ކަމަށެވެ.

އަދި އެ އިސްލާހު ހުށަހެޅީ ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޕޮލިގްރާފް ޓެސްޓެއް ހެދުމަށް ގާނޫނުން ލާޒިމުކުރުމަކީ އަމަލީ ގޮތުން ތަންފީޒުކުރުމަށް ދަތިވެދާނެ ކަމެއް ކަމަށް ވުމުގެ އިތުރުން، އެއީ ކޮންމެ ހާލަތަކަށް އެކަށޭނަ ކަމަކަށް ނުވެދާނެތީކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި ލަފައާއެކު ކޮމިޓީން ނިންމީ ބެކްރައުންޑް ޗެކްކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ޕޮލީގްރާފް ޓެސްޓު ހެދުން އެކަނި އިހުތިޔާރީ ކަމަކަށް ހެދުމަށް، އެ މާއްދާގެ ތިރިއަށް އަކުރުތަކެއް އިތުރުކުރުމަށެވެ.

އެގޮތުން އިތުރުކުރި ބައިގައި ބުނެފައިވަނީ ބެކްރައުންޑް އެނަލަސިސްއަކަށް ފަހު ޕޮލީގްރާފް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް ހެދިދާނެކަމަށާއި އެކަންކަން ފުރިހަމަކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެކަންކަން ފުރިހަމަކުރުމުގައި ބޭނުންކުރެވިދާނެ އިތުރު ވަސީލަތްތައް ގަވާއިދެއްގެ ދަށުން ބަޔާންކުރުމަށެވެ.

މި ލިއުމާއި ގުޅޭ