Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ބިޑް ކުރުމަކާ ނުލައި މަޝްރޫއުތައް ހަވާލުކުރަނީ އިންތިހާބަށް ފައިސާ ހޯދަން: އާޒިމް

ސަރުކާރުގެ މަޝްރޫއުތައް ބިޑް ކުރުމަކާ ނުލައި އެކިއެކި ކުންފުނިތަކާ ހަވާލުކުރަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި، ރެގިއުލޭޓްކޮށް މޮނިޓާކުރެވޭ ގާނޫނެއް އެކުލަވާލުމަށް ގޮވައިލައި ހުށަހަޅާފައިވާ ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ރާއްޖޭގައި އަތުނުޖެހޭ ހިސާބަށް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަމައެއް ލަމައެއްނެތި ހިންގަމުންދާތީ ކަމަށެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތައް، މިހާރު މިހުންނެވި ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވަމުން އެ ގެންދަވަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް. އަދި އެ އިންތިހާބުތަކަށް އެކިއެކި ގޮތްގޮތުން ނާޖާއިޒު ފައިދާ ނޫނީ ފައިސާ ހޯދުމަށްޓަކައި މިއަދު ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުންކުރައްވަމުން އެ ގެންދަވަނީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިޑް ކުރުމެއްނެތި އެކި އެކި ކުންފުނިތަކަށް މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރަނީވެސް އިންތިހާބަށް ނުފޫޒު ފޯރުވަން ބޭނުންވާ ފައިސާ ހޯދުމަށެވެ.

"ބިޑް ކުރުމެއްނެތި ހަމައެއް އުސޫލެއް ނެތި ވަކި މީހަކަށް އެއްވެސް ބެލުމެއް ނެތި ބޮޑެތި ޕްރޮޖެކްޓުތައް ހަވާލުކުރުމުން ދަނީ. ހަމަ ހިތަށްއެރި ގޮތަކަށް، ސަރުކާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ނޫނީ އިންތިހާބަކަށް ނުފޫޒު ފޯރުވުމަށް ފައިސާ ލިބޭ ކޮންމެ ވަގުތެއްގައި އެކަން ކުރަން އެ ތިބެނީ ތައްޔާރަށް،" އާޒިމް ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީއާއި، މީގެ ކުރިން ބޭއްވި މަޖިލީހުގެ ބައި އިލެކްޝަންތަކުގައިވެސް ކެމްޕެއިން ކުރުމަށް ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި ވަކި މީހަކަށް ވޯޓު ދިނުމަށް ޝަރުތުކޮށް ފައިސާ ބެހުމާއި، ވަޒީފާ ދިނުމުގެ މައްސަލަތަށްވެސް ފެންމަތިވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ ސިޔާސީ މަގާމުތައް އައްޔަންކޮށް ބޮޑެތި މުސާރަ ދެމުންދާއިރު، އެމީހުން އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހެ އެވެ.

"ކުންފުނިތަކަށް އެދަނީ އެއް ދުވަހުން އަނެއް ދުވަހަށް މީހުން، އެތަނަށް ނުބައްދަލުވާ ވަރަށް ނުބައްދަލު އަދަދަށް އެދަނީ ވައްދަމުން. އެމީހުންނަށް އޮންނަހާވެސް ކަމަކީ ހެނދުނު ގޮސް އިނގިލި ޖައްސާލާފަ ދިޔައީމަ އެމީހުންނަށް ނިމުނީ، ތިރީސް ހާސް، ސާޅީސް ހާސް އެމީހުންގެ މުސާރައަށް ލިބޭ، އެމީހުން އިށިއިންނާނެ ތަނެއް ނުހުރޭ،" އާޒިމް ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ