ޕީއެސްޖީއާ ވާދަކޮށް ލީގުގައި ކުޅުނު ދެ މެޗުން ވެސް މި ސީޒަނުގައި ރެންސް ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗުގެ ކުރިން ޕީއެސްޖީ އަމިއްލަ ދަނޑުގައި ބަލިވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. މިދިޔަ މުއްދަތުގައި ބަލިނުވެ ލީގުގައި 35 މެޗު އެޓީމު ކުޅުނެވެ.
މެޗުގައި ޕީއެސްޖީ ކޮޅަށް ރެންސްގެ ގޯލުތައް ޖެހީ ގާތްގާތުގަ އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ކާލް ޓޯކޯ ޖެހިއިރު ދެވަނަ ގޯލު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖެހީ އާނައުޑް ކަލިމުއެންޑޯ އެވެ.
ލީގުގައި ޕީއެސްޖީއާ އެންމެ ގާތުން ވާދަކުރަމުން އަންނަ މާސޭ ވަނީ ރޭ ރަށުން ބޭރުގައި ރެއިމްސް އަތުން 2-1 އިން މޮޅުވެފަ އެވެ. މާސޭއާ ދެކޮޅަށް ނުކުތްއިރު ރެއިމްސް އޮތީ އޭގެކުރިން ކުޅުނު 19 މެޗުން ބަލިނުވެ އެވެ.
މާސޭ ކޮޅަށް ރެއިމްސް އިން ލީޑު ނެގީ 13 ވަނަ މިނެޓުގައި ފޮލަރިން ބަލަގަން ޖެހި ގޯލުންނެވެ. އާސެނަލްގެ ލޯނު އުސޫލުން ރެއިމްސް އަށް ބަދަލުވުމަށް ފަހު ބަލަގަން އަންނަނީ ގިނަ ގޯލުތަކެއް ޖަހަމުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލެކްސިސް ސަންޗޭޒް ޖެހި ދެގޯލާ އެކު މާސޭ އިން ލީޑު ނެގި އެވެ.
ލީގުގެ ދެވަނައިގައި މާސޭ އޮތީ ހަތް ޕޮއިންޓް ފަހަތުގަ އެވެ. އެއްވަނައިގައި އޮތް ޕީއެސްޖީ އަށް 28 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު މާސޭ އަށް 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ލީގުގެ ތިންވަނައިގައި އޮތް ލެންސް އޮތީ 57 ޕޮއިންޓުގަ އެވެ. މޮޅާ އެކު ރެންސް ވަނީ 50 ޕޮއިންޓް ހަމަކޮށް ފަސްވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.