މޮޅާ އެކު ބާސެލޯނާ ވަނީ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. އެޓީމަށް 26 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.
މެޗުގެ ކުރީކޮޅު ބާސެލޯނާގެ ރޮނާލްޑޯ އަރޫހޯ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ރެއާލަށް ވަނީ ލީޑު ލިބިފަ އެވެ. ބައިކޮޅަށް ގޯލު ވަނީ ރެއާލްގެ ވިނީޝިއަސް ޖޫނިއާ ނަގައިދިން ހުރަހެއް އަރޫހޯ ބޮލުން ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ. ބާސެލޯނާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސާޖިއޯ ރޮބާޓޯ ޖެހި ގޯލުންނެވެ.
މެޗުގެ ފަހުކޮޅު ރެއާލްގެ މާކޯ އަސެންސިއޯ ޖެހި ގޯލެއް އޮފްސައިޑްވެގެން ވަނީ ކެންސަލްކޮށްފަ އެވެ. ބާސެލޯނާ މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ އަލެހަންޑްރޯ ބަލްޑޭގެ އެހީގައި މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ.
މުހިއްމު މޮޅާ އެކު ބާސެލޯނާ އަށް ލީގު ހޯދުމުގެ ފަހި ފުރުސަތެއް ވަނީ ތަނަވަސްވެފަ އެވެ. ލީގުގައި ބާކީ ދެން އޮތީ 12 މެޗެވެ. ބާސެލޯނާ އަށް އެންމެ ފަހުން ސްޕެނިޝް ލީގު ކާމިޔާބުކުރެވުނީ 19-2018 ވަނަ ސީޒަނުގަ އެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ލިބުނީ ބޮޑު މޮޅެއް ކަމަށާއި އެކަމަކު ލީގު އަދި އެޓީމަށް ނުލިބޭ ކަމަށެވެ.
"އަހަރެމެނަށް މޮޅު ހައްގު. ރެއާލަށް ވުރެ މޮޅަށް ކުޅުނީ އަހަރެމެން. އަހަރެމެން ގިނަ ފުރުސަތުތައް ތަނަވަސްކުރިން. އެކަމަކު ލީގު ޗެމްޕިއަންކަން އަދި ކަށަވަރެއް ނުވޭ. މިއީ އަހަރެމެންނަށް ލިބުނު ބޮޑު މޮޅެއް" މެޗަށް ފަހު ޒަވީ ބުންޏެވެ.
ލީގުގައި ބާސެލޯނާ ދެން މެޗެއް ކުޅޭނީ ބައިނަލްއަގްވާމީ ޗުއްޓީ އަށް ފަހު އޭޕްރީލް އެއްވަނަ ދުވަހު އެވެ. އެދުވަހު ބާސެލޯނާ އިން ރަށުން ބޭރުގައި އެލްޗޭއާ ދެކޮޅަށް ނުކުންނައިރު ރެއާލް މެޑްރިޑް ނުކުންނާނީ ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށެވެ.