އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު މަހްލޫފު ވިދާޅުވުމާއި ގުޅިގެން އެވާހަކަ އަށް އެމްޑީޕީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި އަލީ އާޒިމް އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނޭނގުން ކަމަށެވެ. އެއީ އެއްވެސް ޕްލޭނެއްނެއް، ވިސްނުމެއް، ސިޔާސަތެއް އަދި ކަންކަންކުރަން ވެސް ނޭގުން ކަމަށެވެ.
އާޒިމްގެ މި ޓްވީޓަށް އެމްޑީޕީގެ އެކްޓިވިސްޓް ތޮއްޔިބު ބުނެފައިވަނީ "ތިމާމެންނަ ނުވި ކަމެއް އެހެން މީހަކު ކޮށްފިޔާ ތަންދޮރު ނުދަތުން ނޭނގުން، ހަސަދައިގެ ހުޅު ހަމަ ރަނގަޅަށް ހިފައިފާ ތިޔަތިބީ" ކަމަށެވެ.
ތޮއްޔިބަށް ރައްދު ދެއްވައި އަލީ އާޒިމްގެ ދައުރުގެ، އެފްއޭއެމްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ރަޝީދު(ހިޔަލީ) ވިދާޅުވީ ބަޖެޓް އޯޕަންވެ ފައިސާ ލިބޭނަމަ ތޮއްޔިބަށްވެސް އެކަން ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އިވެންޓު ބޭއްވުން އޯކޭ ކަމަށާއި ނަމަވެސް ކުރެވުނު ޚަރަދު މުޅި ކުޅިވަރު ބަޖެޓަށް ވުރެ ބޮޑު ކަމަށެވެ. ކެމްޕެއިން އިވެންޓުތައް ވެސް ބޭއްވޭނެ ކަމަށާއި ސްޓަންޓު ވެސް ޖެއްސޭނެ ކަމަށެވެ.
އަލީ އާޒިމް އާއި ހިޔަލީ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ދެބޭފުޅުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވެފައި ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް، ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށެވެ.
މިވާހަކަ ތަކަށް އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މިނިސްޓަރު މަހްލޫފަށް ރައްދު ދެއްވައިފައެވެ.