މިއަހަރުގެ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ލަފާދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލި ކޮމިޓީއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކު އިތުރު ކުރުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.
ރިޔާސީ އިންތިހާބަށް ލަފާ އަރުވާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، އެކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ޝިޔާމް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
"އެހެންވެ ޖޭއެސްސީ މިތާ މުހިންމު ވަނީ. ދަށު ކޯޓުން ރައީސް ޔާމީނަށް ހުކުމް ޖަހާ ފަނޑިޔާރު، ހައި ކޯޓަށް މައްސަލަ ދާއިރަށް ހައި ކޯޓަށް، ސުޕްރީމް ކޯޓަށް މައްސަލަ ދާއިރަށް ސުޕްރީމް ކޯޓަށް. މި ކަންތައްތައް އިލެކްޝަން ކޮމިޝަނަށް ނުފެނޭ. ރިޔާސީ ކެންޑިޑޭޓަކަށް މިވަރު ވާއިރު އިލެކްޝަން ކޮމިޝަން ހިމޭނުން،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނު ޖަލުގައި އޮންނެވިހާ ހިނދަކު މި އަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމާމެދު އިދިކޮޅު ކޯލިޝަނުން ޝައްކު ކުރާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ލަފާދޭ ކޮމިޓީއަށް ޖޭއެސްސީ އިތުރުކުރުމާމެދު ކޮމިޓީއިން މަޝްވަރާކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އީސީން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވުމަށް އަންނަ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު ތިން ވަނަ ދުވަހާ ހަމައަށް އިއުލާނުކުރާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ކެންޑިޑޭޓެއްގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް އެކޮމިޝަނުން ފޯރުކޮށްދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ލަފާދިނުމަށް އީސީ އިން އެކުލަވާލި ކޮމިޓީގައި ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ބްރޯޑްކޮމް އަދި މީޑިއާ ކައުންސިލް ވެސް ހިމެނެ އެވެ.