ފަތުރުވެރިއެއްގެ ދަބަހެއް ވަގަށް ނަގައިގެން އެ ދަބަހުގައި އޮތް ކޭޝް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި ވަގަށް ނަގާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަހެކެވެ. އެ ދަބަސް ވަގަށް ނެގުމަށްފަހު އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ދަބަސް ވަގަށް ނެގި މީހާވަނީ ވިޔަފާރިކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި އުމުރުން 42 އަހަރުގެ ދިވެހި ފިރިހެންމީހާ ހައްޔަރުކުރީ މިއަދު މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ބޭނުންކޮށްގެން އޭނާއަކީ ކާކުކަން ދެނެގަނެގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން އެ ކާޑު ވަގަށް ނެގި މީހާ 5،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރިކޮށްފައިވާއިރު އޭނާ ގަތް ތަކެތި ފުލުހުން ހޯދާފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ އިތުރަށް އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.