Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

އެމްއާރުއެމުން އެދޭ ކަންކަމުގެ ކަށަވަރުކަން ދެވޭނެ ގޮތެއް އޮތްހެން ހިއެއް ނުވޭ: ޝަރީފް

އެމްއާރުއެމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ހޯދަން އެދޭ ކަންކަމަކީ އެކަންކަމުގެ ކަށަވަރުކަން ދެވޭނެ ގޮތެއް އޮންނާނެ ހެން ހީވެވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ އަރިސް އެމްޑީޕީގެ ރައީސް އިބްރާހީމް ފެކްޝަނުގެ ސީނިއާ މެންބަރު މިފަދައިން މިއަދު ވިދާޅުވިއިރު މިއަދު މެންދުރު ކުރިން ރައީސް އޮފީހުގައި އެމްއާރުއެމްގެ ޚާއްޞަ މުސްތަޝާރު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއިއެ ޕާޓީގެ ރައީސް ފާރިސް މައުމޫނާ ރައީސް އިބްރާހީމް ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ފަހުންނެވެ.

މި ބައްދަލުވުމުގައި އެމްއާރުއެމުން ހުށަހެޅި ކަންކަމުގެ ތަފުސީލު އެއްވެސް ފަރާތަކުން ހާމަނުކުރެއެވެ. ނަމަވެސް އެމްޑީޕީއާއި އެމްއާރުއެމްގެ މެދުގައި ކޯލިޝަން އެކުލަވައިލުމާ ގުޅޭ މަޝްވަރާތައް ކުރަން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލަން އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާ ހަވާލާދީ ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ޝަރީފު އެ ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއާރުއެމުން ބުނާ ކަށަވަރުކަމެއް ދޭނެ ގޮތެއް އޮންނާނެހެން ހީފުޅުނުވާ ކަމަށެވެ. ސަރުކާރުގެ 25 އިންސައްތަ ދީގެން 2018 ވަނަ އަހަރު ކޯލިޝަން ހެދި ނަމަވެސް އެ ޕާޓީގެ ސައިޒުން އެވަރުގެ އިންސައްތައެއް ހައްގުވާކަން ފެންނަން ނެތްކަމަށް ޝަރީފު ވިދާޅުވިއެވެ.

އަދި ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމުން ދިގު ދަންމަން ވަގުތެއް ނެތްކަމަށް ވިދާޅުވެ ޝަރީފު ވިދާޅުވެފައިވަނީ ލަސްނުކޮށް އެމްއާރުއެމުން ކޯލިޝަން ހަދަން ނުވަތަ ނުހަދަން ނިންމަންޖެހޭ ކަމަށެވެ.

ރައީސް އިބްރާހީމްވަނީ އެމްއާރްއެމްއަށް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަނެއް އެކުލަވައިލާން ދައުވަތު ދެއްވާފައެވެ. އެ ދައުވަތާ ގުޅިގެން އެމްއާރްއެމްއިން މީގެ ކުރިން ހެދި އެނަލައިސިސްގައި ރައީސް އިބްރާހީމާއެކު އިއްތިހާދުވާ ސިނޭރިއޯއެއްގައި ޕާޓީއަށް ލިބޭނެ ފައިދާއާއި ގެއްލުމުގެ މައްޗަށް ތަފުސީލުކޮށް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން މިވަގުތު ރައީސް އިބްރާހީމާއެކު ކޯލިޝަން ހަދާނެ ބޮޑު ޕާޓީތައް މަދުކަމަށާއި، ޕާޓީން ނެގޯޝިއޭޓުކުރަން ބޭނުންވާ ކަންކަމަށް ނެގޯޝިއޭޓުކޮށް އެދެން ފަސޭހަވާނެކަމަށާއި، ދެވަނަ ބުރަށް ދިޔަސް އެހެން ޕާޓީތަކަށްވުރެ ރައްކާތެރި މަޤާމެއްގައި ޕާޓީއަށް އޮވެވޭނެކަމަށް އަދި އިންތިޚާބުވެއްޖެނަމަ ސިޔާސީ މަޤާމުތަކާއި ސަރުކާރުގައި ތިބުމުން ލިބޭ އެހެން މަންފާތައް ލިބޭނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރައީސް އިބްރާހީމަށް ތާއީދުކޮށް އެމްޑީޕީއާއެކު ހަދާ ކޯލިޝަނަކުން ލިބިދާނެ އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ކޯލިޝަނުގައި އެއްބަސްވި ގިނަ ކަންކަމުގައި ނުހިފަހެއްޓި، ދޭން ބުނި ވަރަށް ސިިޔާސީ މަޤާމުތައް ނުލިބޭ ކަމަށާއި، މިހާރުވެސް އެމްއާރުއެމްގެ އަގު ނުހިފަހައްޓާކަމަށާއި އިންތިޚާބުން ދެން މޮޅުވެއްޖެނަމަ އެ ޕާޓީގެ އަގު އެއަށްވުރެ ދެރަކުރާނެ ކަމަށެވެ.
އަދި ރައީސް އިބްރާހީމާއެކު އިއްތިހާދުވުމުން އެ ޕާޓީ އޮންނާނީ ކޮމްޕްރޮމައިސްވެފައި ކަމަށާއި، ސަރުކާރުގެ ކަންކަން ދިޔައީ އެމްއާރުއެމާއެކު އެއްބަސްވި ގޮތާ މުޅިން ޚިލާފަަށް ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެމްޑީޕީން މިހާރު ގެންގުޅޭ އުސޫލުތަކާ އެއްބަސްނުވެވޭކަމަށްވެސް ބުނެފައިވެއެވެ.
އަދި ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް ހޮވިވަޑައިގެންފިނަމަ އިތުރު ދައުރަކަށް އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެތީ އެއސްބަވާ ކަންކަން ދަމަހައްޓަން މަސައްކަތް ނުކުރުމާއި، މިހާރު ކޯލިޝަން ދަމަހައްޓަންކުރާ މަސައްކަތްވެސް އިތުރަށް ނުކުރުމާއި، ކަންކަން އުސޫލުން ބޭރުންކުރަން ފަސްނުޖެހި، ރޫތުލެސްވުމުގެ ފުރުސަތު އޮތްކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން މިހާރުވެސް އެމްޑީޕީއާ އިއްތިހާދުވެގެން އޮންނަ އޮތުމުގެ ސަބަބުން އެމްއާރުއެމްއަށް މެންބަރުން އިތުރުކުރަން ދަތިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެ ޕާޓީއަކީ 3،000 މެންބަރުން ހަމަނުވެގެން އިލެކްޝަން ކޮމިޝަނުން އަންގައިގެން ދާދި ފަހުން އެ އަދަދަށް މެންބަރުން ހަމަކުރި ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ