ރޯދަ މަހާއި ދިމާކޮށް ތަންތަން ސާފުކުރުމުގެ ތެރޭގައި އުފެދޭ ކުނި މާލޭގެ މަގުތައް މަތީގައި ބަހައްޓާ މައްސަލައާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކާއި އެއްގޮތަށް މާލޭގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭ ކަމަށާއި އެގޮތަށް އުފެދޭ ކުނި މަގުމައްޗަށާއި ދުވާރު މައްޗަށް ނެރެ ބަހައްޓާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން މާލޭގެ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އުނދަގޫވާ ކަމަށާއި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ވެސް ބޮޑުވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
އެގޮތުން އީޕީއޭއިން ވަނީ މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ތަންތަނަށް ކުނިބުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ގުޅުއްވައިގެން ހަމަޖެއްސުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އީޕީއޭއިން ބުނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެއްކަމަށެވެ.