އިންޑިއާގެ ކަރްނަޓަކާގައި ބެންގަލޫރާއި މައިސޫރު ގުޅުވައިލަން އެ ޤައުމުގެ މަރުކަޒީ ސަރުކާރުން އެޅި ބެންގަލޫރު-މައިސޫރު އެކްސްޕްރެސްވޭ ހުޅުވިތާ ހަފުތާއެއް ނުވަނީސް އެ މަގުގެ ބައެއް ބައިތައް ހަލާކުވެ، ވާރޭވެހި މަގުގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެއެވެ.
ރަމަނަންގާ ޑިސްޓްރިކްޓު ކައިރިން ވެހުނު ވާރެއާއެކު ހޮނިހިރުދުވަހު އެ ސަރަހައްދުގައި އެކްސްޕްރެސްވޭގެ ބައެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވެއެވެ. އެ ހައިވޭ ހުޅުވުމުގެ ކުރިންވެސް ގިނަ ބަޔަކު އައީ އެ ތަން ހުޅުވަނީ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނުނިންމައިކަމަށް ތުހުމަތުކުރަމުންނެވެ.
ފެންބޮޑުވުމުގެ ސަބަބުން ބެންގަލޫރާއި މައިސޫރުގެ ދެމެދުގައި ކުރާ ގިނަ ދަތުރުތަކަކަށް ބުރޫއަރައި ހުއްޓުނެވެ. އަދި ފެންބޮޑުވި ސަރަހައްދުގައި އުޅަނދުތައް ޖެހި ކުދި އެކްސިޑެންޓުތައް ހިނގިކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި އެކްސްޕްރެސްވޭ ތަރައްޤީކޮށްފައިވަނީ 8،480 ކްރޯރް އިންޑިއާ ރުޕީސް ޚަރަދުކޮށްގެންނެވެ. އެ އެކްސްޕްރެސްވޭގައި 11 އޯވާޕާސް އަދި 64 އަންޑަޕާސް އާއި 42 ކުދި ބުރިޖު ހިމެނެއެވެ. މި އެކްސްޕްރެސްވޭގެ ބޭނުމަކީ މައިސޫރާއި ބެންގަލޫރުގެ މެދުގައި މިހާރު 3 ގަޑިއިރުން ކުރާ ދަތުރުތައް 75 މިނިޓަށް ކުރުކުރުމެވެ.
މި ހައިވޭ ހުޅުވިތާ ދެ ދުވަސް ތެރޭގައި އެ ހައިވޭގެ ބައެއް ސަރަހައްދުތަކުން މަގު ހަލާކުވުމުގެ މައްސަލަތައްވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ބިޑާޑީ ކައިރިން މަގެއްގެ ބައެއްގެ ތާރު ކަނޑައިގެން ގޮސްފައިވާ ފޮޓޯތައް މީސްމީޑިއާގައި އާންމުވިއެވެ.
އިދިކޮޅު ކޮންގުރެސްގެ ކަރްނަޓަކާ ގޮފީގެ ރައީސް ޑީކޭ ޝިވަކުމާރު ވިދާޅުވި ގޮތުގައި މަގު ހަދައި ނިމުނުތާ ދެ ދުވަސް ފަހުން މަގުން ތާރު ކަނޑައިގެން ދިޔައީ މަޝްރޫޢުން 40 އިންސައްތައިގެ ކޮމިޝަނެއް ކަރްނަޓަކާ ސަރުކާރުން ނެގުމުން ކަމަށެވެ.
އިންޑިއާ ސަރުކާރުން އެ ޤައުމުގައި އަޅާ ބުރިޖުތަކާ ހަދާ މަގުތައް ހުޅުވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވާ މައްސަލައަކީ އެ ޤައުމުގެ މީޑިއާތަކުންވެސް ފާހަގަކުރާ ބޮޑު މައްސަލައެކެވެ.