މައިކްރޮސޮފްޓް ސޮލިއުޝަންތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އެ ކުންފުންޏާއެކު އުރީދޫ މޯލްޑިވްސްއިން ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ.
އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން މައިކްރޮސޮފްޓް އޮފީސް 365، މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް ޓީމްސް ވޮއިސް، މައިކްރޮސޮފްޓް ޓީމްސް ރޫމްސް، މައިކްރޮސޮފްޓް ޕަވަ އެޕްސް، މޮބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއާޕޮއިންޓް ފަދަ ވަސީލަތްތަކުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ.
އަދި މަސައްކަތުގެ ވައްޓަފާޅި ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ސަބަބުން ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ހަލުވިވެ ދެމެހެއްޓެނިވި ވިޔަފާރިއެއް ގާއިމް ކުރެވި، ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އއެ ކުންފުނިން ބުނިގޮތުގައި މައިކްރޮސޮފްޓާއެކު ވެފައިވާ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް-ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.
މި ޕާޓްނާޝިޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އަދި މައިކްރޮސޮފްޓާ އެކު ޕާޓްނާޝިޕެއް ހެދީ އެ މަސައްކަތްތަކުގެ ތެރެއިން ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މައިކްރޮސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނާސް، ބިން ޝެން މި ޕާޓްނާޝިޕާއި ގުޅިގެން ވިދާޅުވީ އެ ޕާޓްނާޝިޕުގެ ސަބަބުން އުރީދޫ މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަޙައްދުތަކާއި ސިނާއަތްތަކާއި ޖައްމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހިދުމަތްތަކާ އެކު އާ ފުރުސަތުތައް ފަހި ކޮށްދިނުމަށް ލިބުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
ދެ ކުންފުނީގެ މެދުގައި އެ ޕާޓްނާޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންކަމަށް އުރީދޫއިން ބުނެއެވެ. އެ ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ހިދުމަތާއެކު ބަންޑަލްކޮށް ނުވަތަ ވަކިން މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތައް ހޯދޭނެއެވެ.
އަދި މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުންވެސް މައިކްރޮސޮފްޓްގެ ހިދުމަތްތައް ވިޔަފާރިތަކަށް މި އަހަރުން ފެށިގެން ފޯރުކޮށްދެވޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ.