ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ނިމުމަކާ ހަމައަށް އައިސް ހުލާސާ ބަޔާން އިއްވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
2017 ވަނަ އަހަރު ލިޓަސް ގަރާޖެއް ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލެވުނު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރިއެވެ. އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ، ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. ނަމަވެސް ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފައެވެ. ދެން ދައުވާ އުފުލާފައިވަނީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފްގެ މައްޗަށެވެ.
އަނަސްގެ މަރާގުޅިގެން މިއަދު އަޑުއެހުމެއް ބޭއްވީ ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށެވެ. ދައުވާ ލިބޭ އަފްރާހާއި ޖުނައިހު އަދި މަހްފޫޒްގެ ފަރާތުން ބުނެފައި ވަނީ އެ ތިން މީހުން ހާދިސާ ހިނގި ތަނުގައި ތިބިކަން ސާބިތުކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި މަންޒަރު ދުށް ހެއްކެއް ވެސް ނެތުމުން، މި މައްސަލަ އެ ތިން މީހުންގެ މައްޗަށް ސާބިތު ނުވާނެ ކަމަށެވެ.
ނަމަވެސް ދައުލަތުންނާއި ދެން ދައުވާ ލިބޭ މީހުން ކޯޓުގައި އެދުނީ ހުލާސާ ބަޔާން އިއްވާއިރު ހެއްކާ ބެހޭ ގޮތުން އެކުއެކީގައި ވާހަކަ ދެއްކުމަށެވެ. މިކަމާއި ގުޅިގެން ގާޒީ އަލީ ނަދީމް ނިންމެވީ އަންނަ މަހުގެ 13 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލުކުރުމަށެވެ.
އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ހަމައަށް އައިސްފައިވާއިރު ހުލާސާ ބަޔާން އިއްވުމަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.