ފަރަންސޭސި ސަރުކާރުން އެ ޤައުމުގެ ޕެންޝަން ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާ ދެކޮޅަށް ވެރިރަށް ޕެރިހުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހޮނިހިރުދުވަހުގެ މުޒާހަރާއިން 71 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ބަރުލަމާނުގައި ވޯޓެއް ނުނަގައި ޕެންޝަން ނިޒާމަށް ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ގެންނަވަން އުޅުއްވާ ބަދަލުތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު އަންނަނީ ސިލްސިލާ ގޮތެއްގައި ޕެރިހުގެ މަގުތަކުގައި މުޒާހަރާކުރަމުންނެވެ. މި އިސްލާހާއެކު 2030 އިން ފެށިގެން ރިޓަޔާމެންޓު އުމުރު 62 އަހަރުން 64 އަހަރަށް މަތިވާނެއެވެ.
ބަރުލަމާނާ ގާތް ސަރަހައްދުގައި މުޒާހަރާކުރުން މަނާކުރުމާ ގުޅިގެން ހޮނިހިރުދުވަހު ހަރަކާތްތެރިން ޖަމާވެފައިވަނީ ޕެރިހުގެ ދެކުނު ސަރަހައްދަށެވެ.
އެ ސަރަހައްދަށް އެއްވި މުޒާހަރާވެރިންވަނީ ކުނި ވަށިގަނޑުތަކާއި، ބައިސްކަލާއި ސައިކަލުތަކުގައި އަލިފާން ރޯކޮށް، ސަރުކާރާއި ފުލުހުންނާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އަޑުއުފުލައިފައެވެ.
އެންމެ ފުރަތަމަ ސަލާމަތީ ބާރުތަކުން މުޒާހަރާ ރޫޅައިލަން މަސައްކަތްކުރީ ކަރުނަ ގޭހާއި ޕްރެޝަރުގައި ފެންޖަހައިގެންނެވެ. ކަރުނަ ގޭހައި ފެންޖެހުމުގެ ސަބަބުން މުޒާހަރާގެ ބައެއް ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުނުކަމަށް މީޑިއާއިން ރިޕޯޓުކުރެއެވެ.
ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ޝަހަރުތަކުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ނިކުމެފައެވެ. އެއީ މި އިސްލާހު ގެނައުމަށް ސަރުކާރަށް ލިބިފައިވާ ތަންފީޒީ ބާރުތަކުގެ ތެރެއިން މީހުންގެ މެދުގައި ދެބަސްވުން ބޮޑު ބާރެއްކަމަށްވާ "މާއްދާ 49.3"ގެ ބާރު ބޭނުންކުރުމުންނެވެ.