ދެއިރުކާ ބޭހެއްހެއްހެން ގައުމީ އިނާމު ދީ އެކަން "ބޮޑުގުޅަކުރުން" ބުއްދިވެރި ނޫންކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
މެންބަރު ވަހީދު މިފަދައިން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުމާއި ގުޅިގެންނެވެ.
ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ އިނާމުގެ އެންމެބޮޑު ސިފައަކީ އޭގެ ޝަރަފުވެރިކަމާއި އަގު ވަޒަންކުރެވޭ މިންވަރުކަމަށާއި ދެއިރުކާ ބޭހެއްގޮތަށް ގައުމީ އިނާމާއި އެވޯޑުތައް ބަހައި، އެކަން “ބޮޑުގުޅަކުރުމަކީ” އެހާ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.
އަދި ގިނަ އިނާމު ދީގެން ގިނަ ވޯޓު ހޯދަން ކުރާ ކަމެއް ގޮތަށް މިކަހަލަ ކަންކަން ނުހެދުމަށް ވައްޑެ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ސަރުކާރުން ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައެވެ.
ދިވެހި ދައުލަތައް ޚިދުމަތް ކުރުމުގެ އިނާމަކީ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތައް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
އިނާމު ދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައެވެ.