އަންނަ އަންގާރަދުވަހު އޭނާ ހައްޔަރުކުރާނެކަމަށް ބެލެވޭކަމުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވެއްޖެއެވެ. އޭނާ ހައްޔަރުކުރަން އުޅެނީ ބަރަހަނާ ފިލްމު ކުޅުނު އަންހެނަކަށް ހަނުހުރުމަށް ފައިސާ ދިންކަމުގެ ތުހުމަތުގައިކަމަށް ޓުރަމްޕު ވިދާޅުވިއެވެ.
ޓުރަމްޕުގެ އަމިއްލަ މީސްމީޑިއާ މަންސަކަމަށްވާ "ޓްރޫތު ސޯޝަލް"ގައި ހޮނިހިރުދުވަހު ޝާއިއުކުރެއްވި ޕޯސްޓެއްގައި އޭނާއަށް ތާއީދުކުރާ މީހުން އޭނާ ހައްޔަރުކުރުމުގެ ކުރިން އިހުތިޖާޖަށް ނިކުތުމަށް ޓުރަމްޕުވަނީ ގޮވައިލައްވާފައެވެ.
މެންހަޓަން ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން ލީކުވެފައިވާ މައުލޫމާތަކަށް ހަވާލާދެއްވައި ޓުރަމްޕު ލިޔުއްވީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވުމުގެ ފުރުސަތު އެންމެ ބޮޑު ކެނޑިޑޭޓު އަދި އެމެރިކާގެ ކުރީގެ ރައީސް އަންނަ އަންގާރަދުވަހުގައި ހައްޔަރުކުރާނެ ކަމަށެވެ. "އިހުތިޖާޖުކުރޭ. އަހަރުމެންގެ ޤައުމުގެ އަނބުރާ އަހަރުމެންނަށް ހޯދަމާ!" ޕޯސްޓު ނިންމަވައިލައްވަމުން ޓުރަމްޕު ލިޔުއްވާފައިވެއެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ކޮބައިކަން ޓުރަމްޕުގެ ޕޯސްޓުގައި ސާފުކޮށް ވިދާޅުނުވިއެވެ. ޓުރަމްޕުގެ ވާހަކަފުޅާ ގުޅިގެން މެންހަޓަން ޑިސްޓްރިކްޓު އެޓާނީގެ އޮފީހުގެ ބަހެއް ބޭރުގެ މީޑިއާއަށް މިހާތަނަށް ލިބިފައިނުވެއެވެ.
މި މައްސަލައިގެ ތަހުގީގަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދިޔަ ދުވަސްވަރު ބަރަހަނާ ފިލްމުކުޅޭ އަންހެނެއްކަމަށްވާ ސްޓޯމީ ޑެނިއަލްސްއަށް ޓުރަމްޕުގެ އަމިއްލަ ޤާނޫނީ ވަކީލު މައިކަލް ކޯހެން މެދުވެރިކޮށް 130،000 އެމެރިކާ ޑޮލަރު ދިން މައްސަލައެކެވެ.
ޓުރަމްޕަށް ޖިނާއީ ތުހުމަތުކުރުމުގެ ފުރުސަތު އޮތްކަމަށް މެންހަޓަންގެ ގްރޭންޑް ޖޫރީއަކުން ނިންމައިފިނަމަ ޖިނާއީ ތަހުގީގާ ކުރިމަތިލެއްވުމަށް އަމިއްލައަށް ތަހުގީގީ އިދާރާތަކުގެ ހަވާލަށް ޓުރަމްޕު ވަޑައިގަންނަވާނެ ކަމަށް އޭނާ ވަކީލުން ސީބީއެސްއަށް މައުލޫމާތު ދީފައިވެއެވެ.
ޓުރަމްޕުގެ މައްޗަށް މެންހަޓަން ޑިސްޓްރިކްޓު އެޓާނީގެ އޮފީހުން ދައުވާކޮށްފިނަމަ އޭނާވާނީ އެމެރިކާގެ ތާރީޚުގައި ރައީސްކަން ކުރެއްވުމަށްފަހު ޖިނާއީ ކުށެއްގެ ތުހުމަތާ ކުރިމަތިލައްވަންޖެހިވަޑައިގަންނަވާ ފުރަތަމަ ރައީސަށެވެ.
ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި 2017 އިން 2021 އެމެރިކާގެ ރައީސަކަން ކުރެއްވި ޓުރަމްޕަކީ 2020ގެ އިންތިޚާބުގައި ރައީސް ޖޯ ބައިޑަންއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ގެންދަވަނީ އަންނަ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ.