ލ. ކުނަހަންދޫގައި މިސަރުކާރުން ފެށި ހުރިހާ މަޝްރޫއުއެއް ހުއްޓިފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، އެ މަޝްރޫއުތަކަށް އިންޑިއާއިން ގެނައި މަސައްކަތު މީހުން ބަނޑުފުރާ މުއްތިކުރަން ސަލާން ޖަހަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެރަށު ރައްޔިތަކު "ދިޔަރެސް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުގައި ފެށި މަޝްރޫއު ތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، އިންޖީނުގެ އާއި ފެނަކަ އޮފީހާއި، ސްކޫލުގެ މަސައްކަތް، އާރްއޯ ޕްލާންޓްގެ މަސައްކަތް، ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ވެސް ކުރިއަށް ނުދާކަމަށެވެ.
އެގޮތުން މީގެތެރެއިން ބައެއް މަސައްކަތްތައް ފަށާފައިވާއިރު އަނެއްބައި ކަންކަން އަދި ފަށާނެ ދުވަހެއް ވެސް ނޭނގެއެވެ. ނަމަވެސް ހުރިހާ މަޝްރޫއު އަކަށް ވެސް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ އެކި ކުންފުނިތަކަށް ދޭން ވަނީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަޖިލީސް މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތައް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ތެރެއިން ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަށައިފައި މަސައްކަތް ހުޓާލާފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، އެ މަޝްރޫއު ތަކަށް ގެނައި ސާމާނުތަކާއި މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތައް ދަނީ ވީރާނާ ވަމުންނެވެ. މީގެ ސަބަބުން ދައުލަތަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ އެވެ.
މިގޮތުން ފެނަކަ ކޯޕަރޭޝަނުން އެތަނުގެ އޮފީހާއި ފެނާއި ނަރުދަމާ އެޅުމަށް ގެނައި އިންޑިއާ މީހުންނަށް މުސާރަ ނުދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެމީހުން ކާން ބޯން ވަގުރުކު އެޅުމާއި މީހުންގެ ގޯތިތެރޭގައި ހުންނަ ގަސްތަކުން ވަގަށް އެއްޗެހި ބިންނަ ކަމަށް އެމީހާ ކިޔައިދިނެވެ. ނަރުދަމާ އެޅުމަށް ގެނައި ހޮޅިފަދަ ސާމާނުތައް އަތިރިމަތީގައި އުކާލާފައިވާއިރު، ރަށު ބައެއް މީހުން އެތަކެތި އަމިއްލަ ބޭނުމަށް ގެންދާ ކަމަށެވެ.
"ގިނަ ޕްރޮޖެކްޓްތަކަށް އަންނަ މީހުން ބުނަނީ ސަރުކާރުން ފައިސާ ނުދޭކަމަށް، އެހެންވެ ޕްރޮޖެކްޓްތައް މަޑު ޖައްސާލަން ޖެހޭކަމަށް" އެމީހާ ކިޔައިދިނެވެ.
މި ސަރުކާރުން ކުނަހަންދޫއަށް ވެފައިވާ ވައުދުގެ ތެރޭގައި ހިމެނޭ ހިތަދޫއާއި ކުނަހަންދޫ ގުޅާލުމުގެ މަޝްރޫއު އަދި ނުވެސް ފަށައެވެ. އެމަސައްކަތް 2020 ވަނަ އަހަރު އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 81،222،471.36 ރުފިޔާ އަށް 500 ދުވަހުން ނިންމާ ގޮތަށެވެ.
މިހުރިހާ މަޝްރޫއު ތަކަކީ ވެސް ސީދާގޮތުން ރައްޔިންނާ ގުޅޭ މަޝްރޫއުތަކެވެ. ދައުލަތުގެ ފައިސާއިން ފެށި އެތައް މަޝްރޫއުއެއް މިހާރު ހުރީ ވީރާނާ ވާން ގާތް ވެފައެވެ. އެގޮތުން ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް ތަންތަން އަލުން އެމަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް ވެސް "ދިޔަރެސް" އަށް ލިބިފައިވާ ފޮޓޯތަކުން ހާމަވެއެވެ.
މީގެ އިތުރުން އެ މަޝްރޫއު ތަކަށް ގެނައި މުދާ ތަންތަނަށް ގެންދިއުމުގައި އެތަކެތި އުފުލި އާންމު ފަރާތްތަކަށް ދޭން ޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.