މިއަހަރުގެ ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދަން ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާނެ ފިރިހެނުން ހޯދުމަށް ދެ ވަނަ ފަހަރަށް އެ ކޯޕަރޭޝަނުން އިއުލާނުކުރީ މިމަހުގެ 7 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ލިބިފައި ނުވާތީއެވެ.
އިއުލާނުގައިވާގޮތުން އެކަމަށް ކުރިމަތިލާ މީހުންނަކީ އަސާސީ ތައުލީމު ހާސިލުކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަދަ ސިއްހަތު ރަނގަޅު މީހުންނަށް ވާންޖެހެއެވެ.
އެ މީހުންގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހައްޖުވެރިންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ މައުލޫމާތު ދިނުމާއި ދަތުރުގައި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ކެއުމުގެ އިންތިޒާމުތައް ކައްކާއިންގެ އިރުޝާދުގެ ދަށުން ބެލުމާއި ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެންދިއުމާ ގުދަންކުރުން ފަދަ ކަންކަމެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "ހައްޖާއި އުމުރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" މިމަހުގެ 22 ވާ ބުދަ ދުވަހުގެ 3:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. އެ ފޯމު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބޭނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ މަސައްކަތަށް މީހުން ހޮވުމުގައި އަރަބި ބަހާއި އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ އަދި ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.