ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން، ނޫސްވެރިއަކު ހައްޔަރުކުރި ސަބަބުކަމަށް ފުލުހުން ބުނާ ސަބަބާއި ވީޑިއޯއިން ފެންނަ މަންޒަރު ދިމާނުވެއެވެ.
16 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރީ، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވައިލައި ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި "އަވަސް" ނޫހުގެ ނޫސްވެރިއެކެވެ.
މުޒާހަރާ ހުއްޓުވަން ނުކުތް އެސްއޯ ފުލުހުން އޭނާ ހައްޔަރުކުރި އިރު ހުރީ ނޫސްވެރިއެއްކަން އަންގައިދޭ މީޑިއާ ފާސް ކާޑުވެސް އަޅައިގެންނެވެ.
އެކަމާއި ގުޅިގެން ގިނަ ބަޔަކު ފުލުހުންގެ އިދާރާއަށް ފާޑޫކިޔަމުން އަންނަނިކޮށް ފުލުހުން މިއަދު ކުރި ޓްވީޓެއްގައިބުނީ އެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަަމަށާއި ކޯޓަށް ހާޒިރު ކުރުމުން އެ ނޫސްވެރިއާ އިއްޔެ ދޫކޮށްލާފައިވާކަމަށެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު އޭނާ ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ނޫސްވެރިޔާ ފުލުހުން މީހަކު ހައްޔަރުކުރާ މަންޒަރު ވީޑިއޯކުރަން އުޅެނިކޮށް އެ ތަނަށް ކައިރިވި ފުލުހަކު ފަހަތުން އޭނާ ލަފުގައި ހިފައި ބިމަށް އެއްލައިލައެވެ. ދެން ތެދުވެ ނޫސްވެރިޔާ އޭނާ އެއްލައިލު ފުލުސް މީހާއާ އަރައިރުންވެއެވެ.
ފުލުހުން މުޒާހަރާތައް ހުއްޓުވަން އުޅޭއިރު ވަރަށް ގިނައިން ނޫސްވެރިން ކާޑުއަޅައިގެން ފާހާއެކު ހަރަކާތްތެރިވަނިކޮށް އެމީހުންނަށް އަނިޔާވާ ގޮތަށް އަމަލުކުރާކަން ފާހަގަވެފައިވެއެވެ.