ފުލުހުންގެ ހިދުމަތުން ޓޭޒަރ ގަން ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށާއި ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މިފަދައިން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ޓޭޒަރ ގަންއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު ފުލުހުން އަދި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.
އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ފުލުހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް އިތުރަށް ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުށްވެރިން ކުށްކުރާ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި، އެކަމަށް ފުލުހުން ފާރަވެރިވުން މުހިންމުކަމަށެވެ.
އަދި އެފަދަ ކަންކަމުގެ ސަަބަބުން ފުލުހުންގެ ތައްޔާރީ ހާލަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާ ކަމަށާއި އެ ބަދަލުތަކާއި އެކަށޭނެ ގޮތަށް ފުލުހުންގެ ހިދުމަތަށް ބަދަލު ގެނައުމަށް ބޮޑެތި އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.